މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމާފައިވާ ނިންމުމަށް އަމަލީ ސިފަ ގެނައުމުގެ ގޮތުން، ހުޅުމާލެއާއި، ގުޅީ ފަޅުންނާއި، ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސް އިބުރާހިމް މުހައްމަދު ސާލިހު މިއަދު އިއުލާންކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ބޯހިޔާވަހި ކަމުގައި މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާއި ތަކުލީފް ވަނީ އޭގެ ނިހާޔަތުގައި ކަމަށެވެ. އަދި މާލޭގެ ސަރަހައްދުގެ ބޯހިޔާވަހި ކަމާއި ގުޅޭގޮތުން ކުރެވުނު ކަންތައްތަކަށްވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހުސާސް އަބަދުވެސް ކުރެއްވޭ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

"މިދިޔަ އަހަރު މިތާ ހުރެ ދެންނެވި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގާ ކުރިއަށްދާ ވާހަކަ. އަދި އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ވާހަކަ. އަދި މީގެ އިތުރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ވެސް އަޅުގަނޑު ނިންމައިފިން،" ވަރަށް ޖޯޝާއެކު ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއުގެ ދަށުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޫކުރައްވާނެ ކަމަށެވެ.

"މި މަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގައި އަޅުގަނޑު ފަށާނަން. އަދި އޭގެ އިތުރަށް ގިރާވަރު ފަޅު ހިއްކައި، އެބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށެވެ.