ބަރަހަނާ ފިލްމު އުފައްދައި ވިއްކުމުގެ ތުހުމަތުކުރި ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ ދޫނުކުރުމުން އާންމުން ރަތަށް އަރައިފި އެވެ.

ބަރަހަނާ ފިލްމުތައް އުފައްދައި އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ރާޖް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރު ދޭ ނުވަތަ ސާބިތު ކޮށްދޭ އެއްވެސް ހެެއްކެއް ނެތުމާ ގުޅިގެން ސެޕްޓެމްބަރު މަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

އޭނާގެ އެ އަމަލަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ދިޔައިރު، އެއް ބަޔަކު ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައާއި ރޭޕްކުރުމުގެ ތުހުމަތުތައް ވެސް ކޮށްފަ އެވެ. އަދި ނަފްރަތާއި ނުރުހުން ފާޅުކުރުމުގެ ގޮތުން އާންމުންގެ ބަހުގެ ހަމަލާތައް ރާޖަށާއި އޭނާގެ އަންހެނުން ޝިލްޕާ ޝެޓީއަށް ވެސް ދިޔައީ ރައްދުވަމުންނެވެ.

އެގޮތުން މި މައްސަލަ އެންމެ ހޫނުވި ދުވަސްވަރު ޝިލްޕާ ވަނީ އޭނާގެ ފިރިމީހާ އަމަލުކުރި ގޮތުގެ ސަބަބުން ފިރިމީހާ ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ރާޖް މިނިވަންވެގެން އައުމާއެކު ޝިލްޕާގެ ރާގު އެއްކޮށް ބަދަލުވެއްޖެ ކަމަށާއި، ބަހުގެ އިތުބާރު ކަނޑުވާލާފައިވާ ކަމަށް އާންމުން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން އާންމުން އެންމެ ބޮޑަށް ފާޅުކިޔާފައި ވަނީ ޝިލްޕާ އޭނާގެ ކޮއްކޮ ޝަމީތާގެ އުފަން ދުވަސް ފާހަގަކުރުމަށްފަހު ޝަމީތާގެ ގެއިން ނުކުމެގެން އައިއިރު ރާޖްއާ ދެ މީހުން އެކީގައި އަތުގުޅާލައިގެން ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމުންނެވެ.

ފައިސާއަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށާއި، އެފަދަ މަހުޖަނުންނަށް ޖަލަށް ގޮސް މިނިވަންވުމަކީ މާބޮޑު ކަމެއް ނޫން ކަމަށް ބައެއް ކޮމެންޓުތަކުގައި ބުނެފައިވެ އެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި ޝިލްޕާ އާއި ރާޖް މަސައްކަތް ކުރަނީ ކަންކަން ރަނގަޅުކުރުމަށްފަހު އަލުން ހަޔާތް ފެށޭތޯ އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ އޭނާގެ އަންހެނުން ޝިލްޕާ ހުރީ ރާޖްއާ ދެކޮޅަށެވެ. ނަމަވެސް ފަހަކަށް އައިސް ޝިލްޕާ ފެންނަނީ އޭނާގެ ފިރިމީހާގެ ދިފާއުގައި އާންމުންނާ މުހާތަބުކޮށް ވާހަކަދައްކާ މަންޒަރެވެ.