ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ ނޯޓިސް ވެސް ނުދީ، ގާނޫނާ ހިލާފަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށާއި، ތައުލީމާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން އައްޔަންކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ ނިންމުމާއެކު އެކި ކުންފުނިތަކުން މުވައްޒަފުން ވަކިކުރަން ފަށާފައި ވާއިރު، އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ހަރަދު ކުޑަކުރުމުގެ ނަމުގައި ހަގީގަތުގައި ހިންގަމުން ދަނީ ސިޔާސީ ގޮތުން ސަރުކާރާ ހިޔާލުތަފާތުވާ މީހުން ވަޒީފާއިން ވަކިކުރުމުގެ އޮޕަރޭޝަނެކެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގާމުތައް އުވާލުމަށްފަހު އެޗްޑީސީން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނާ މުޅިން ހިލާފަށް، 24 ގަޑިއިރުގެ ނޯޓިސްއެއް ވެސް ދިނުމެއް ނެތި، މަގާމުތަކުން ވަކިވާން މަޖުބޫރުކުރުވައިގެން ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ސާފުކުރުމުގެ ތެރެއިން ވަޒީފާއިން ވަކިކުރަމުންދަނީ ޕީއެންސީގެ މަޖިލިސް މެމްބަރުން ތައްޔާރުކޮށްފައިވާ ހާއްސަ ލިސްޓަކަށް ބަލައިގެންނެވެ. މީގެ ސަބަބުން ކުންފުންޏަށް އެތައް އަހަރަކު ހިދުމަތްކޮށްދީފައިވާ ގާބިލު މުވައްޒަފުންގެ ބަދަލުގައި ސިޔާސީ އެކްޓިވިސްޓުންނަށް މަގާމުތައް ފަހިވަމުންދާ ކަމަށާއި، މިއީ ރައީސް މުއިއްޒުއަށް ތާއީދުނުކުރާ އާއިލާތަކުގެ އާމްދަނީ ހުއްޓުވަން ދޭ ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަދި މި ގައިރު ގާނޫނީ އަމަލުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.