އިސްކޮޅާ އަޅާބަލާއިރު ބަރުދަން އިތުރުވުމަކީ ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެއްކަން ޑޮކްޓަރުން އަބަދުވެސް އިންޒާރުދެ އެވެ. ޖިސްމާނީ ސިއްހަތުގެ އިތުރުން އެއީ ނަފްސާނީ ދުޅެހެޔޮކަމަށް ވެސް އަސަރުކުރާ ކަމެއްކަން ދިރާސާތަކުން މިވަނީ ދައްކާފަ އެވެ.

މިފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި މިނަށް ވުރެ ބަރުދަން އިތުރުވުމަކީ ޑިޕްރެޝަނަށް މަގުފަހިވާ އެންރމެ އާއްމު އެއް ސަބަބެވެ. މި ކަމުގައި ޖިސްމާނީ އަދި އިޖުތިމާއީ ކަންކަން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ބަރުދަން އިތުރުވުމަކީ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވެ، އެހެން މީހުންނާ ކުރިމަތިލުމަށް ބޭނުންވާ ހިތްވަރު ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާއިން ދައްކާފައިވެ އެވެ.

މީގެ އިތުުރުން ބަރުދަން އިތުރުވުމަކީ މީހުންގެ މަލާމާތާއި ފުރައްސާރަ އަމާޒުވެ، ގަނާކުރުން ނުވަތަ ބުލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ހުޅުވަައިދޭ ކަމެއް ކަމަށް ވެސް ހޯދިފައިވެ އެވެ.

ޑިޕްރެޝަނަކީ އާއްމުވެފައިވާ ކަމަކަށް ވީއިރު، އެކަމަށް މަގުފަހިވާ ހުރިހާ ކަމެއް ހުއްޓުވަން ޖެހެ އެވެ. ބަރުދަން އިތުރު މީހުންނަށް ވެސް އިހުތިރާމާއި ގަދަރު ދޭން ޖެހެ އެވެ.