ފަހަކަށް އައިސް ގެވެށި އަނިޔާގެ މައްސަލަތައް ދަނީ އިތުރުވަމުން ކަމަށް ޖެންޑާ މިނިސްްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، އަންހެނުންނަށް ލިބޭ އަނިޔާ އަންނަނީ އިތުރުވަމުންނެވެ. އަދި ފާއިތުވި ހަތަރު އަހަރުން، އެންމެ ގިނައިން ފިރިހެނުންނަށް ލިބޭ ގެވެށި އަނިޔާގެ މައްސަލަތައް ގިނަ ވެފައިވަނީ މިދިޔަ އަހަރު ކަމަށް ޖެންޑާއިން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެއްއަހަރުން އަނެއް އަހަރަށް، މިފަދަ މައްސަލަތައް ދަނީ އިތުރުވަމުން ކަމަށެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތައް ގިނައިން އަންހެނުން ރިޕޯޓުކުރި ނަމަވެސް އެފަދަ މައްސަލަތަކުގެ ތެރޭގައި ފިރިހެނުން ވެސް ހިމެނޭކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ގެވެށި އަނިޔާގެ ޖުމްލަ 446 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން އަންހެނުންނަށް ލިބޭ ގެވެށި އަނިޔާގެ 388 މައްސަލައެއް ހިމެނޭއިރު، 58 މައްސަލަ އަކީ ފިރިހެނުންނަށް ލިބުނު ގެވެށި އަނިޔާގެ މައްސަލަތަކެވެ.

ރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވައި، އާންމުން އެކަމަށް ހޭލުންތެރިކުރުވުމަށް 2020 ވަނަ އަހަރު މިނިސްޓްރީން ވަނީ "ގެވެށި" ގުޅުން ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. އޭގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ފަރުވާކުރުމަށް ތިން މަރުކަޒެއް ގާއިމުކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

އެގޮތުން މި އަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގެވެށި އަނިޔާއިން ސަލާމަތްކޮށް، ދުޅަހެޔޮ ސިއްހަތަކަށް އަނބުރައި އެމީހުން ގެނައުމަށްޓަކައި ފަރުވާދޭ މަރުކަޒުތައް ގާއިމުކުރަން ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ، ރ. އުނގޫފާރު އަދި ހިތަދޫ މަރުކަޒުގައި ކަމަށެވެ.