ހިކި ހަންގަނޑެއް ލިބިފައިވާނަމަ ތިބާގެ ހަންގަނޑަށް އިތުރަށް ސަމާލުވާން ޖެހެ އެވެ. އެއީ ނާޒުކު ހަންގަނޑަަކަށް ވެފައި އަވަހަށް ހަލާކުވުން ގާތްވީމަ އެވެ. އެގޮތުން މިފަދަ ހަންގަނޑެއް ލިބިފައިވާނަމަ ބައެއް ކޮސްމެޓިކް އުފެއްދުންތަކުން ދުރުވާން ޖެހެ އެވެ.
ޓޯނާ
ޓޯނާގައި ހިމެނޭ ރަލުގެ ސަބަބުން ހަންގަނޑު އިތުރަށް ހިކުމަށް ފުރުސަތު ހުޅުވިގެންދެ އެވެ. އެހެންކަމުން ހަންގަނޑު ހިކުމުގެ މައްސަލަ ހުންނަ މީހުން ވީހާ ވެސް މަދުން ޓޯނާ ބޭނުންކުރުމަށް ސަމާލުވާން ޖެހެ އެވެ. އަދި މާބޮޑަށް ހޫނުގަދަ ނުވަތަ ފިނި މޫސުމުގައި މި ބޭނުންކުރުމުން ވީހާ ވެސް ދުރުވާންވާނެ އެވެ. މިފަދަ މީހުންނަށް ގުދުރަތީ ޓޯނާ ބޭނުންކުރެވިދާނެ އެވެ.
ކްލެންސިން ލިކުއިޑް
ހަންގަނޑު ހިކި މީހުން ކްލީންޒާސްގައި ހިމެނޭ އެމޯނިއަމް މާއްދާއާ ވީހާ ވެސް ދުރުވާންވާނެ އެވެ. މި މާއްދާ ހިމެނޭ ތަކެތި ބޭނުންކުރާ ނަމަ ހަންގަނޑު އިތުރަށް ހިކެ އެވެ. އެހެންކަމުން ކްލީންޒާސް ބޭނުން ކުރުމުގެ ކުރިން އޭގައި އެމޯނިއަމް ހިމެނޭތޯ ބަލާށެވެ.
ފޭޝަލް ސްކްރަބް
ހަންގަނޑުގައި ވައި ދަތުރު ކުރުމަށް ހުންނަ ގޮޅިތައް ބެދުމުން ސަލާމަތްކުރުމަށް ހިކިފައި ހުންނަ ހަންކޮޅުތައް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފޭޝަލް ސްކްރަބް އަކީ މިކަމަށް ބޭނުންކުރާ އެއްޗެއްކަމުގައިވީ ނަމަވެސް ބޭނުންކުރެވޭ ފޭޝަލް ސްކްރަބެއްގެ ސަބަބުން ހަންގަނޑަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދާނެ އެވެ. އެގޮތުން ހަންގަނޑު ހިކި ނަމަ ފޭޝަލް ސްކްރަބްގައި ބޮޑެތި އޮށްތައް ހުންނަ ބާވަތުގެ އެއްޗެހި ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އޭގެ ސަބަބުން މާބޮޑަށް ހަންގަނޑު ހުޅުވުމުން ހަންގަނޑު އިތުރަށް ހިކޭނެ އެވެ.
ޖެލް ސަންސްކްރީން
ހަން ހިކި މީހުންނަށް ސަންސްކްރީނަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެން ނަމަވެސް ބޭނުންކުރެވޭ ސަން ސްކްރީންގެ ވައްތަރަކުން ހަން އިތުރަށް ހިކިގެން ގޮސްދާނެ އެވެ. ސަން ސްކްރީން ބޭނުންކުރާ އިރު ޖެލް ސަން ސްކްރީން ބޭނުންކުރުމުން ދުރުވާންވާނެ އެވެ. އޭގެ ބަދަލުގައި ކްރީމް ސަންސްކްރީން ބޭނުންކުރުމަށް ސަމާލުކަންދޭންވާނެ އެވެ.
ވަސްގަދަ ލޯޝަން
ހަންގަނޑު ހިކުމުގެ މައްސަލަ ދިމާވާ ނަމަ ވަސްގަދަ ލޯޝަންތައް ބޭނުންކުރުން މަދު ކުރަންވާނެ އެވެ. މިފަދަ ލޯޝަން ތަކުގައި ހިމެނޭ ރަލުގެ މިންވަރު ގިނަވުމުގެ ސަބަބުން ހަންގަނޑު އިތުރަށް ހިކިގެންދާނެ އެވެ.