ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެމެރިކާއާއި ޑޮނަލްޑް ޓްރަމްޕަށްވުރެ ބޮޑަށް ޗައިނާއާއި ޝީ ޖިންޕިންއަށް ކުރާ ތާއީދު ވަނީ އިތުރުވެފައިވާ ކަމަށް ޕިއު ރިސާޗް ސެންޓަރުން ކުރި އާ ދިރާސާއަކުން ދައްކައިފި އެވެ.

ވޭތުވެދިޔަ ގިނަ އަހަރުތަކެއްގައި ދުނިޔޭގެ ގައުމުތަކުން އެމެރިކާއާމެދު ދެކެމުން އައީ ޗައިނާއަށްވުރެ ހެޔޮ ގޮތަކަށެވެ. ނަމަވެސް، މި އަހަރު މިވަނީ އެ މަންޒަރު ބަދަލުވެ، ގިނަ ބައެއްގެ ތާއީދު ބެއިޖިންއަށް ލިބިފަ އެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި އެމެރިކާގެ ބައިވެރި ގައުމުތަކާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން އައި ބޮޑު ބަދަލެކެވެ.

މި ސާވޭ ކުރިއަށްގެންދިޔަ 36 ގައުމާއި ސަރަހައްދުގެ ތެރެއިން 25 ތަނެއްގައި އެމެރިކާއަށްވުރެ ޗައިނާއަށް ކުރާ ތާއީދު ބޮޑެވެ. މީގެ ތެރޭގައި ކެނެޑާއާއި މެކްސިކޯ ފަދަ ގައުމުތައް ހިމެނެ އެވެ. މި ސާވޭ ކޮށްފައިވަނީ ފެބްރުއަރީ މަހުން މެއި މަހުގެ ނިޔަލަށެވެ. އެއީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަސްވަރެވެ.

ބުދަ ދުވަހު އާންމުކުރި މި ހޯދުންތަކުން ދައްކާގޮތުގައި، ޗައިނާއަށްވުރެ ބޮޑަށް އެމެރިކާއަށް ތާއީދުކުރަނީ އެންމެ ހަ ގައުމެއްގަ އެވެ.

އަދި 22 ގައުމެއްގެ ރައްޔިތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ ބޮޑަށް ޗައިނާގެ ލީޑަރު ޝީ ޖިންޕިންއަށް އިތުބާރު ކުރެ އެވެ. މީގެ ތެރޭގައި ކެނެޑާ، މެކްސިކޯގެ އިތުރުން ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމަށްވާ ފްރާންސް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތް ހިމެނެ އެވެ. އެހެންނަމަވެސް، ގިނަ ގައުމުތަކެއްގެ މީހުން މި ދެ ބޭފުޅުންނަށް ކުރާ އިތުބާރުވެސް އޮތީ ދަށް މިންވަރެއްގަ އެވެ.

ޕިއު ރިސާޗްގެ އެސޯސިއޭޓް ޑައިރެކްޓަރު ލައުރާ ސިލްވާ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 20 އަހަރު ދުނިޔޭގެ ހިޔާލު ހުރިގޮތް ބަލަމުން އައިއިރު، އެމެރިކާއަށްވުރެ ބޮޑަށް ޗައިނާއަށް ތާއީދު ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބައެއް ފަހަރު މި ދެ ގައުމަށް އޮތް ތާއީދު އެއްވަރުވި ނަމަވެސް، ޗައިނާ މިހާ ބޮޑަށް ކުރި ހޯދާފައެއް ނުވެއެވެ.

ސިލްވާ ފާހަގަކުރެއްވި ގޮތުގައި މި ބަދަލު އައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހަނދާންތައް ފަނޑުވެ، އެމެރިކާއާ މެދު ދުނިޔޭގެ ގައުމުތަކުން ދެކޭގޮތް ގޯސްވުމާ ގުޅިގެންނެވެ. ހަނގުރާމަ ފެށުމާއެކު، ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށް އެމެރިކާގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމުގެ އިހުސާސް މީހުންނަށް ކުރެވި، ޓްރަމްޕަށް އޮތް އިތުބާރު ކުޑަވެގެން ދިޔައީ އެވެ.

މީގެ އިތުރުން، ގްރީންލޭންޑް ކޮންޓްރޯލް ކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތާއި، ވެނެޒުއޭލާގެ އޭރުގެ ލީޑަރު ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމަށް އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނާއި، އަދި އިޒްރޭލުން ގައްޒާގައި ހިންގާ ހަނގުރާމައިގައި އެމެރިކާ އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ގިނަ ގައުމުތަކެއްގެ ނުރުހުން އެމެރިކާއަށް ވަނީ އަމާޒުވެފަ އެވެ.

ޗައިނާއަކީ މިހާރު ދުނިޔޭގެ ގިނަ ތަންތަނުގައި އިތުބާރު ކުރެވޭ ބައިވެރިއެއްގެ ގޮތުގައި ބެލެވެން ފަށާފައިވާ ކަމަށާއި، ދުނިޔޭގެ ސުލްހައަށް ޗައިނާގެ ފަރާތުން ލިބޭ އެއްބާރުލުން ބޮޑުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށްވެސް ސިލްވާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ، އެމެރިކާގެ ގާތް ބައިވެރިއެއް ކަމަށްވާ ކެނެޑާގެ ރައްޔިތުންގެ ހިޔާލަށް އައި ބޮޑު ބަދަލެވެ. 2023 ވަނަ އަހަރު ކެނެޑާގެ 57 އިންސައްތަ މީހުން އެމެރިކާއަށް ތާއީދުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 33 އިންސައްތައަށް ދަށްވެފަ އެވެ. ހަމަ އެ ދުވަސްވަރު ޗައިނާއަށް ކުރާ ތާއީދު ވަނީ 14 އިންސައްތައިން 44 އިންސައްތައަށް އުފުލިފަ އެވެ. މިއީ މިދިޔަ އަހަރު ކެނެޑާގެ މުދަލުން ޓްރަމްޕް ބޮޑު ޓެކްސްއެއް ނެންގެވުމާއި، ކެނެޑާއަކީ އެމެރިކާގެ "51 ވަނަ ސްޓޭޓް" ކަމަށް ވިދާޅުވުމާ ގުޅިގެން އައި ބަދަލެކެވެ.

އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނުވިލާތް އަދި އިޓަލީ ފަދަ ޔޫރަޕްގެ ގައުމުތަކުގައިވެސް އެމެރިކާއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެމެރިކާއަށް އެންމެ ބޮޑަށް ތާއީދުކުރާ ގައުމަކީ އިޒްރޭލެވެ. އެ ގައުމުގެ 80 އިންސައްތަ މީހުން އެމެރިކާއަށް ތާއީދުކުރާއިރު، ޗައިނާއަށް ތާއީދުކުރަނީ އެންމެ 19 އިންސައްތަ މީހުންނެވެ. އެމެރިކާއަށް ތާއީދު ބޮޑު އަނެއް ފަސް ގައުމަކީ ޖަޕާން، އިންޑިއާ، ދެކުނު ކޮރެއާ، ފިލިޕީންސް އަދި ޕޮލެންޑެވެ. ނަމަވެސް، މި ގައުމުތަކުގައިވެސް އެމެރިކާއަށް އޮތް ތާއީދު ކުރިއަށްވުރެ ވަނީ ކުޑަވެފަ އެވެ.

އިންސާނީ ހައްގުތަކާއި އަމިއްލަ މިނިވަންކަމަށް އިހުތިރާމްކުރުމުގައި އަދިވެސް ޗައިނާއަށްވުރެ ކުރީގައި އުޅެނީ އެމެރިކާ އެވެ. ނަމަވެސް، އެމެރިކާގެ ސަރުކާރުން އަމިއްލަ ރައްޔިތުންގެ މިނިވަންކަމަށް އިހުތިރާމްކުރާ މިންވަރު ދަށްވަމުންދާ ކަމަށް ސާވޭއިން ދައްކާތީ، މި ދެ ގައުމުގެ ދެމެދުގައި އޮތް ފަރަގު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

މި ދިރާސާ ކުރުމަށްޓަކައި ޕިއު ރިސާޗް ސެންޓަރުން ވަނީ 35 ގައުމަކާއި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ހިމެނޭހެން 42،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފަ އެވެ.