ސިންގަޕޫރުގައި މިއަދު އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގެންފައިވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީ ގޮތުން އުޒުރުވެރިވެޑައިގަންނަވާ ހާލަތެއް މެދުވެރިވެފައިވާތީ ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވެވަޑައިގަންނަވާ ފަދަ ހާލަތެއް މެދުވެރިވެފައިވާތީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަބަބު ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމުން އެކަން އެންގެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ވަގުތީ ގޮތުން މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވާލުކުރައްވާފަ އެވެ.

ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ހަވާލުވުމަށް ނައިބު ރައީސް ފައިސަލް މަގާމުގެ ހުވާކުރައްވަނީ. ފޮޓޯ: މަޖްލިސް

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ވަނީ ގާނުނު އަސާސީގެ 126 ވަނަ މާއްދާގައިވާގޮތުގެ މަތިން، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ކުރިފުޅުމަތީގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރައްވައި ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް މިއަދު ކުރައްވާތީ، އެ އޮޕަރޭޝަނަށްފަހު އަލުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ހަވާލުވެވަޑައިގަންނަވަންދެނެވެ.