މަޝްހޫރު ފަންނާނު އަބީޝޭކް ބައްޗަން ވަނީ އޭނާގެ ރީތި އަންހެނުން، އައިޝްވަރްޔާ ރާއީ އާއި ކައިވެނިކުރަން ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނަކާ އޮތް ގުޅުން ކަނޑާލާފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، އަބީޝޭކް އެންމެ ފުރަތަމަ ކައިވެނިކުރަން ހަމަޖެހުނީ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ކަރިޝްމާ ކަޕޫރާ އެވެ. އެކި ސަބަބުތަކާއި ގުޅިގެން އެ ދެމީހުންގެ ކައިވެނި ރޫޅުމުން ދެން އަބީޝޭކް ލޯބީގެ ގޮތުން ގުޅުނީ ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރާނީ މުކަރްޖީއާ އެވެ.

އެހެން ނަމަވެސް ރާނީއާ އަބީޝޭކްގެ ގުޅުން، މާ ގިނަ ދުވަހަކު ދެމިގެންގޮސްފައެއް ނުވެ އެވެ. އޭރު އަބީޝޭކް ދިޔައީ އައިޝްވަރްޔާއާ އެކުގައި ފިލްމެއް ކުޅެމުންނެވެ. އަދި އެފިލްމުގެ ޝޫޓިިންގެ ތެރެއިން އަބީޝޭކާއި އައިޝްވަރްޔާއާ މެދުގައި ގާތް ގުޅުމެއް އުފެދި، އެގުޅުން ލޯތްބަށް ބަދަލުވި އެވެ. އޭރު ވެސް ރާނީ ހުރީ އަބީޝޭކްގެ ލޯބިވެރިއެއްގެ ގޮތުގަ އެވެ.

ހަމައެހެންމެ، ދުވަސްތަކަކަށްފަހު އަބީޝޭކާއި ރާނީގެ ގުޅުން އެއްކޮށް ކަނޑާލީ، އަބީޝޭކް އައިޝްވަރްޔާއާ ކައިވެނި ކުރުމަށެވެ. މިސަބަބާ ގުޅިގެން ރާނީ ވަނީ، އޭނާއާ އަބީޝޭކްގެ ލޯބީގެ ގުޅުން ކަނޑުވާލީ އައިޝްވަރްޔާ ކަމަށް ބުނެ އޭނާއަށް ތުހުމަތުކޮށްފަ އެވެ.

އައިޝްވަރްޔާ އާއި އަބީޝޭކްގެ ކައިވެންޏަށް ފަސް އަހަރު ފުރިފައިވާއިރު، އެ ދެފަންނާނުންނަށް ވަނީ އަންހެން ދަރިއަކު ވެސް ލިބިފަ އެވެ.