މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު ޖަމާކުރި އާމްދަނީ 57.9 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ޖަމާކޮށްފައި ވަނީ 390.57 މިލިއަން ރުފިޔާ އެވެ.
މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިިދިޔަ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖަމާކުރި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 63.3 ޕަސެންޓް ނުވަތަ 247.42 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުންނެވެ. އެއީ 13.4 ޕަސެންޓް ނުވަތަ 52.39 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ (5.2ޕަސެންޓް)، ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ (4.7ޕަސެންޓް)، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ (2.4ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 42.56 މިލިއަން ރުފިޔާ (10.9ޕަސެންޓް) ހިމެނެ އެވެ.
މިދިޔަ މަހު ޖަމާކުރި އާމްދަނީގެ ތެރޭގައި 4.68 މިލިއަން ޑޮލަރު ހިމެނެ އެވެ.