މަސައްކަތުގެ މާހައުލަކީ ޝައްކެއް ވެސް ނެތް ގޮތުގައި ހާސްކަން ބޮޑު މާހައުލެެވެ. ރަނގަޅަށް ސަމާލު ނުވެވިއްޖެ ނަމަ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

މި ލިޔުމުގައި މި ބަލާލަނީ އޮފީހުގެ މާހައުލުގައި ކުރިމަތިވާ ހާސްކަން ނުވަތަ ސްޓްރެސް ކުޑަ ކުރެވޭނެ ބައެއް ގޮތްތަކަށެވެ.

މަސައްކަތްތައް ރަނގަޅަށް ރާވާލުން

ގިނަ ފަހަރަށް މާ މަސައްކަތް ގިނަ ވީމަ ސިކުނޑި ސުމަކަށްދެ އެވެ. އަދި އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވި ވަރަށް ވަގުތު ވެސް ބޭކާރުވެގެންދެ އެވެ.

މިކަން ހައްލުކުރެވޭނެ ވަރަށް ފަސޭހަގޮތެއް އެބައޮތެވެ. ނިންމަން ޖެހިފައިހުރި މަސައްކަތްތަކުގެ "ޓު ޑޫ" ލިސްޓެއް ހަދާށެވެ. ނޯޓު ފޮތެއްގައި ނުވަތަ ޓާސްކް މެނޭޖްމެންޓް އެޕެއްގައި ވެސް މިކަން ކުރެވިދާނެ އެވެ. އަދި ސިކުނޑީގައި މަސައްކަތްކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ރާވާ އެއާ އެއްގޮތަށް، ތަރުތީބުން މަސައްކަތްތައް ނިންމަމުންދާށެވެ. އޭރުން އެދުވަހެއްގައި ނިންމަން ޖެހޭ މަސައްކަތްތައް ފަސޭހަކަމާއިއެކު ނިންމާލުމަށްފަހު ހާސްކަމެއްނެތި ގެއަށް ދާންވީ އެވެ.

އެކުގައި މަސައްކަތްކުރާ މީހުންނާ ގުޅުން ބަދަހި ކުރުން

ބައެއްކަހަލަ ވަޒީފާ ތަކުގައި، ނުވަތަ ވަޒީފާގައި ތިމާ އާއި ހަވާލުވެފައި އޮންނަ މަސްއޫލިއްޔަތުގެ ގޮތުން އަބަދުވެސް "އެލާޓް" ގައި ތިބެންޖެހެ އެވެ. އެހެންކަމުން ޑިއުޓީ ގަޑި ނޫން އެހެން ގަޑިއެއްގައި އެހެން މީހުންނަށް ތިމާއަށް ގުޅޭނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅާށެވެ.

އޮފީސް މަސައްކަތް އޮފީސް ގަޑީގައި ނިންމުން

ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި އެންމެ ފަސޭހައިން މަސައްކަތް ކުރެވެނީ އޮފީހުގެ ރަސްމީ ގަޑި ނިމި އެންމެން ގެއަށް ދިއުމުންނެވެ. އޭރުން އެއްވެސް މީހެއްގެ އުނދަގުލެއް ނުވެ ނިކަން ފަސޭހައިން މަސައްކަތް ނިންމާލެވޭނެއެވެ.

އެހެން ނަމަވެސް އޮފީސް ގަޑި ނޫން ގަޑިތަކުގައި އޮފީސް މަސައްކަތްތަކާ ކަންބޮޑުވާން ބޭނުންނުވާނަމަ އޮފީސް މަސައްކަތް އޮފީސް ގަޑީގައި ކުރާށެވެ.