ރޮބަޓް ޕެޓިންސަން ބެޓްމޭންގެ ރޯލުން ފެނިގެންދާ "ދަ ބެޓްމޭން" ފިލްމުގެ ސީކުއެލް، "ދަ ބެޓްމޭން ޕާޓް ޓޫ" ސިނަމާތަކުގައި ރިލީޒް ކުރުން އަނެއްކާވެސް ފަސްކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ވާނާ ބްރޮސްއިން މި ފިލްމު ރިލީޒް ކުރަން މިހާރު ހަމަޖައްސާފައިވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން 18 ފެބްރުއަރީ 2028ގަ އެވެ.

މިއީ މި ފިލްމު ރިލީޒްކުރާ ތާރީހަށް ގެނައި ދެވަނަ ބޮޑު ބަދަލެވެ. އެންމެ ފުރަތަމަ މި ފިލްމު ނެރުމަށް ތާވަލުކުރީ 2 އޮކްޓޫބަރު 2026 އަށެވެ.

ނަމަވެސް ފަހުން އެ ތާރީޚު 1 އޮކްޓޫބަރު 2027 އަށް ފަސް ކުރުމަށްފަހު، މިހާރު ވަނީ 2028 ވަނަ އަހަރަށް ބަދަލު ކޮށްފަ އެވެ. މިއާއެކު، 2022 ގައި ނުކުތް ފުރަތަމަ ފިލްމަށްފަހު ސީކުއެލް ފެނިގެންދާނީ ގާތްގަނޑަކަށް 6 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމު ރިލީޒް ކުރުން އަނެއްކާވެސް ފަސްކުރަން ނިންމީ ފިލްމުގެ ޑިރެކްޓަރު މެޓް ރީވްސްއަށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުންނެވެ.

މި ބަދަލާ ގުޅިގެން ޑީސީ ސްޓޫޑިއޯސް އިންވެސް ވަނީ މިއީ ބޮޑެތި ފްރެންޗައިޒް ފިލްމުތަކުގައި އާންމުކޮށްވެސް ކަންތައް ހިންގާ ގޮތްކަން ފާހަގަކޮށްފަ އެވެ.

ޑީސީގެ ކޯ-ޗީފް ޖޭމްސް ގަން ވިދާޅުވީ، ސީކުއެލްއެއް ނެރުމަށް ފަސް އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ނެގުމަކީ ހޮލީވުޑްގައި އާންމު ކަމެއް ކަމަށެވެ.

މި ފިލްމުގެ ޑައިރެކްޓަރު މެޓް ރީވްސް ވަނީ ރޮބަޓް ޕެޓިންސަން އަލުން ބެޓްމޭންގެ ސޫޓުގައި ފެންނަ ކެމެރާ ޓެސްޓު ފުޓޭޖެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރޮބަޓް ޕެޓިންސަންސްގެ އިތުރުން ސާލެޓް ޖޯހަންސަން، ސެބަސްޓިއަން ސްޓޭން، ޗާލްސް ޑާންސް، ބްރަޔަން ޓައިރީ ހެންރީ އަދި ސެބަސްޓިއަން ކޮކް ހިމެނެ އެވެ.

ވާނާ ބްރޮސްގެ މި ތާވަލު ބަދަލު ވުމާއެކު، ކުރިން ބެޓްމޭން ނެރުމަށް ހަމަޖެހިފައި އޮތް ތާރީހުގައި ސިނަމާތަކަށް އަންނާނީ ޖޭ.ޖޭ. އަބްރާމްސްގެ އާ ފިލްމު "ދަ ގްރޭޓް ބޭޔޯންޑް" އެވެ.