ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައުއޭ) އަށް ގޮސްހުރި ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިގެން ހައްޔުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒަންތަކެއް ފެނިގެން ހައްޔަރު ކޮށްފައި ވަނީ އިޒްރޭލުގެ ފަތުރުވެރިއެކެވެ. އުމުރުން 28 އަހަރުގެ ފިރިހެން މީހާ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައީ އޭނާގެ އަންހެނުންނާއެކު އެވެ.

އެ މީހުންގެ ދަބަސް ޗެކް ކުރިއިރު 15 ވަޒަން ވަނީ ފެނިފަ އެވެ. އަދި އެވަޒަންތައް މިހާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ވީއައިއޭއަށް ފުރަން ގޮސް ހުރި ފަތުރުވެރިޔެއްގެ އަތުން ވަޒަންތަކެއް ފެނިގެން ބުދަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުގެ ފަތުރުވެރިޔާ ފުރުމުގެ ހުއްދަ ދިނުމުން އޭނާ ފުރައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް އެ މީހާ ފުރުވާލީ ކޮން އުސޫލަކުން ފުލުހުން ނުބުނެ އެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަތުން މީގެކުރިން ވެސް ވަޒަން ފެނިފައިވެ އެވެ. އަދި އެފަދަ ބައެއް ފަތުރުވެރިން ރާއްޖެއަށް ނާދެވޭ ގޮތަށް މުޅި އުމުރަށް ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާ ތަކެއްޗާއި ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި ގެންގުޅުމަކީ މަނާކަމެކެވެ.