ހީނާ ނުވަތަ "ހެނާ" އޭ ބުނުމުން އެއީ އިންޑިއާއަށް ޚާއްސަ އެއްޗެއް ކަމަށް ހީވެދާނެ އެވެ. ސަބަބަކީ އިންޑިއާގައި ކުރެވޭ ކައިވެނިތަކުގައި އަންހެން ކުއްޖާ ޒީނަތްތެރި ކުރުމަށް ހީނާ ބޭނުން ކުރެވޭތީ އެވެ. އެހެން ނަމަވެސް އެއަށް ވުރެ މާކުރިން މިސްރުގައި ހީނާ ބޭނުން ކުރި ކަމަށް ތާރީޚު ހެކި ދެ އެވެ. އެގޮތުން ފިރުއައުނުންގެ ބޮލާއި ނިޔަފަތީގައި ކުލަ ޖެއްސުމަށާއި، މީހުން މަރުވުމުން މައްޔިތާ ކަފުން ކުރުމަށް ވެސް ހީނާ ފަތް ބޭނުން ކުރެވުނެވެ. ހީނާ ފަތް އެންމެ ގިނައިން އެކްސްޕޯޓް ކުރެވޭ ގައުމެއްގެ ގޮތުގައި ވެސް މަޝްހޫރު ވެފައި ވަނީ މިސްރެވެ.
ކާބަފައިންގެ ޒަމާނުއް ސުރެ ރާއްޖޭގައި ވެސް ޒީނަތްތެރިވުމަށާއި ބޭސްވެރި ކަމަށް ހީނާ ގަސް ހައްދައިގެން އޭގެ ފަތް އަދި މާ ބޭނުން ކުރެވުނެވެ. ގޭގޭގައި ފުނޑާ ދައިން ފުނޑައި ހިމުންކޮށްގެން އެ ޒަމާނުގައި އަތާއި ފައިގައި ހީނާ އެޅި ނަމަވެސް މިހާރު މިފެންނަ ގޮތްގޮތަށް އެކި ޑިޒައިންތަކަށް އޭރު ހީނާއެއް ނާޅަ އެވެ.
ބާޒާރުގައި ލިބެން ހުންނަ ރަތް ހީނާ ފަތުގެ ފުށް ތައްޔާރު ކުރަނީ ހީނާފަތް މުރަނަކޮށް އަދި މުގުރައިގެންނެވެ. އެއަށްފަހު އެއަށް ކަޅު ސައިފަތް. ލުނބޯ ހުތް އަދި އިއުކެލީޕްޓަސް ތެޔޮ އަޅާ އެއްކޮށްގެން ބޭނުންކުރެވެ އެވެ.
ކަޅު ހީނާފަތަކީ ވެސް ބަޒާރުގައި ވިއްކަން ހުންނަ ހީނާފަތެކެވެ. ކަޅު ހީނާފަތް ތައްޔާރު ކުރެވެނީ ކެމިކަލްސް އަޅައިގެން ކަމަށް ވާތީ ކަޅު ހީނާފަތް ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އަދި އިސްތަށިގަނޑުގައި ކުލަޖައްސަން ތައްޔާރު ކޮށްފައި ހުންނަ ހެއާ ޑައިތަކަކީ ވެސް އޭގައި ކެމިކަލް ހިމަނާފައި ވާތީ އެބޭނުން ކުރުމުގެ ސަބަބުން އެލާޖިކް ވުން ގާތް އެއްޗެކެވެ.
ހަކީމީ ބޭސްވެރިކަމުގައި ހީނާފަތް ފުރަތަމަ ބޭނުންކުރަން ފެށުނު ކަމަށް ބެލެވެނީ ހަށިގަނޑުގައި ހީނާފަތް އުނގުޅުމުން ހަންޑަށް ވެރިވާ އަރާމް ފިނިކަން އިހްސާސް ކުރެވެން ފެށުނު ހިސާބުންނެވެ. އެއަށް ފަހު ހޫނު ގަދަ ހަނަފަސް ސަހަރާގައި ދިރިއުޅުނު މީހުން އެ މީހުންގެ ހަށިގަނޑު ފިނިކުރުމަށް ހީނާފަތް ފެންޖަހައިގެން ގާނާ ހިމުންކޮށް، އެ މީހުންގެ ގައިގައި އުނގުޅަން ފެށި އެވެ. ހަށިގަނޑުގައި ހީނާ ހުރިހައި ހިނދަކު މިފިނިކަން ދެމިގެން ދިޔަ އެވެ.
ހަކީމީ ބޭސްވެރި ކަމަށް ހީނާފަތް ގިނަ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ވެސް ބޭނުން ކުރި އެވެ. އެގޮތުން ބޮލުގެ ރިހުމަށާއި، ހުޅުހުޅުގައި ރިއްސުމުން ދެވޭ ފަރުވާއެއްގެ ގޮތުގަ އާއި، ހަމުގެ ބަލިތަކަށާއި އަދި ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ވެސް ބޭނުން ކުރި އެވެ. މީގެ އިތުރުން ކުޑަކުދިން ނެޕީޖެހުމުގެ ސަބަބުން މެދުވެރިވާ ނެޕީގެ ފާރު ރަނގަޅު ކުރުމަށާއި، ހުމަށާއި އަދި ހިރުގަނޑުގެ ބަލިތަކަށް ވެސް ހީނާފަތް ބޭނުން ކުރެވުނެވެ.
ހީނާފަތަކީ ރީތިވުމަށް ބޭނުން ކުރެވޭ އެއްޗެއް ކަމުގައި ވިނަމަވެސް، އޭގެން ސިއްހީ އެތައް މައްސަަލައެއް ވެސް ހައްލު ކުރެވެ އެވެ.