އަމިއްލަ ނަފްސު ބަދަލުކުރަން އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނު ސަނީ ލިއޯނީ ބުނެފި އެވެ.

ސަނީ ލިއޯން ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދީ އޭނާ ކުޅުނު ފުރަތަމަ ފިލްމު "ރާގިނީ އެމްއެމްއެސް" އިންނެވެ. އަދި އެއަށްފަހު އޭނާ ކުޅުނު ކޮންމެ ފިލްމެއް ވެސް ދިޔައީ ހިޓްވަމުންނެވެ.

ނަމަވެސް އޭނާ މީގެ ކުރިން ބަރަހަނާ ފިލްމު އުފައްދަން މަސައްކަތް ކުރުމާ ގުޅިގެން އިންޑިއާގައި އަދިވެސް ގިނަ ބަޔަކު ދަނީ ސަނީއަށް ނުރުހުން ފާޅުކުރަމުންނެވެ. އެކަމަކު ސަނީ ވަނީ ބޮލީވުޑްގައި މަސައްކަތް ކުރަން ފެށި ފަހުން ބަރަހަނާ ފިލްމު އުފެއްދުން ހުއްޓާލާފަ އެވެ. އަދި އެކަމަށް ދެން އަނބުރާ ދިއުމެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.

ގިނަ ބަޔަކު ސަނީގެ އަމިއްލަ ނަފްސު ބަދަލުކުރުމަށް ގޮވާލާއިރު، އަނެއްބަޔަކު ވަނީ ބޮލީވުޑުން ދުރަށް ގޮސް އެހެން ގައުމެއްގައި ވަޒަންވެރިވެ، ދިރިއުޅުން ވެސް ބަދަލުކުރުމަށް ސަނީ ކައިރީގައި ބުނެފަ އެވެ.

އެކަމާ ގުޅިގެން ވާހަކަދައްކަމުން ސަނީ ބުނީ އާންމުން ގެންނަން ބޭނުންވާ ބަދަލުތަކަކީ އޭނާ ގަބޫލުކުރާ ފަދަ ބަދަލުތަކެއް ނޫން ކަމަށެވެ. އަދި އޭނާ ގަބޫލުކުރަނީ އުމުރު މަތިވާ ވަރަކަށް ހަޔާތަށް އަންނަ ބަދަލުތައް ކަމަށާއި، އެކަންކަން ގަބޫލުކޮށް ކުރިއަށް ދިއުމަކީ އޭނާ އެންމެ އެދޭގޮތް ކަމަށް ސަނީ ވަނީ ބުނެފަ އެވެ.