ކޮވިޑް-19 ގެ ވެކްސިން ދިވެހިންނަށް ހިލޭ ދިނުމާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ނޫސްވެރިންނަށް ދެއްވި ޕްރެޒެންޓޭޝަނެއްގައި "ހުރިހާ" އިން ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ވެކްސިން ހޯދައިދިނުމަށް ކޮވިޑްގެ ވެކްސިން ދުނިޔެއަށް ފޯރުކޮށްދޭން ހަރަކާތްތެރިވާ ކޯވެކްސް ފެސިލިޓީގައި ރާއްޖެ ބައިވެރިވެފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ފިސްކަލް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ ރަނގަޅު ގޮތަކީ ކޮވިޑްގެ ވެކްސިން ހިލޭ ޖެހުމުގެ ސަގާފަތް ޕްރޮމޯޓް ނުކުރުން ކަމަށެވެ.
"ވެކްސިން ހިލޭ ޖެހުމުގެ ސަގާފަތް ޕްރޮމޯޓްނުކުރުން ރަނގަޅީ. ޕަބްލިކް ގުޑަކަށް ވާތީ އެހެން ގައުމުތަކުން ދެނީ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިނޭޓްކުރެވުމުން ރަނގަޅު ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
ސަރުވާޝް ވިދާޅުވީ އެހެން ގައުމުތަކުގައި އަގު ނަގައިގެން އައިސޮލޭޓްކުރިއިރު ރާއްޖޭގައި އެކަންކޮށްދިނީ ހިލޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް ވެކްސިން ދިވެހިންނަށް ހިލޭ ދިނުމާ މެދު ޑިސިޝަނެއް ނަގާފައި ނުވާ ކަމަށެވެ.
"އަދި އެކަމަށް ޖަވާބެއް ނެތް. އެކަމާ މެދު ގޮތެއް ނިންމާނީ ހެލްތު ސެކްޓަރުން،" އަމީރު ވިދާޅުވި އެވެ.
ކޮވިޑް ބަލިމަޑުކަން ނައްތާލަން ކުރަން ޖެހޭ ޚަރަދުތަކަށް 200 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑްގެ ވެކްސިން ރާއްޖެއަށް ހޯދުމަށް ވޯލްޑް ބޭންކާއެކު ވާހަކަދައްކަމުން އަންނަ ކަމަށެވެ. އަދި ވެކްސިން ގެނައުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"އެކަމަށް ބޭނުންވާ ފައިސާ އެހެރީ ހަމަޖެހިފައި. އަދި އަޅުގަނޑުމެންނަށް ހިލޭ ވެސް ބައެއް ލިބުން އެކަށީގެންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ވަނީ ކޮވިޑް ވެކްސިން ހިލޭ ރައްޔިތުންނަށް ދޭން ނިންމައިފަ އެވެ. އެކަމަށް ބައެއް ގައުމުތަކުން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ބަޖެޓް ކަނޑައަޅައިފަ އެވެ.