ހިންދީ ފިލްމީ ތަރި ރަންބީރު ކަޕޫރުގެ ފޯނުގައި އިނީ ކާކުގެ ފޮޓޯއެއްކަން ހާމަވެއްޖެ އެވެ.

އާންމު ގޮތެއްގައި ކޮންމެ މީހަކު ވެސް، އެ މީހެއްގެ ފޯނުގެ "ވޯލްޕޭޕާ" އަށް ލަނީ އެ މީހަކަށް ވަރަށް ހާއްސަ މީހެއްގެ ފޮޓޯއެކެވެ.

މުމްބައި އެއާޕޯޓުން ރަންބީރާއި އާލިޔާ އެކީގައި ފެނިފައިވާއިރު، ޕޮޓޯގްރާފަރުން ވަނީ އެ ދެފަންނާނުންގެ ފޮޓޯ ނަގާފަ އެވެ. އަދި ފޮޓޯގައި ރަންބީރުގެ ފޯނު ދިއްލިފައި އިންނަތަން ފެންނައިރު، ފޯނުގެ ލޮކް ސްކްރީނުން ފެނުނީ، އޭނާގެ މަރުވެފައިވާ ބައްޕަ، ރިޝީ ކަޕޫރްގެ ފޮޓޯއެކެވެ.

ރަންބީރު ފޯނުން ފެނުނު މި މަންޒަރާއެކު، އޭނާ، އޭނާގެ ބައްޕަ ދެކެ އިންތިހާއަށް ލޯބިވާކަން ހާމަކޮށްދެ އެވެ. މިކަމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކު ވަނީ ރަންބީރަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ތައުރީފުކޮށްފަ އެވެ.

ފޮޓޯއިން ފެނުނު ރަންބީރުގެ ބައްޕަ މަރުވީ، 2020 ވަނަ އަހަރުގެ އޭޕްރިލް މަހު 30 ވަނަ ދުވަހު އެވެ. އޭނާ މަރުވީ އުމުރުން 67 އަހަރުގަ އެވެ. ރިޝީގެ މަރާ ގުޅިގެން ރަންބީރަށް ވަރަށް ބޮޑަށް އަސަރުކުރުވި ކަމަށް އޭނާ މީގެ ކުރިން ބުންޏެވެ.