ދެކުނުގެ އަތޮޅުތަކުގެ ސަރަޙައްދުތަކުގެ ކަނޑުތަކުގެ ފިނިހޫނުމިން ކަންބޮޑުވާ ދަރަޖައަކަށް މަތިވެ ފަތުތައް ހުދުވުމުގެ ބިރު އެބައޮތް ކަމަށް މޯލްޑިވްސް މެރިން ރިސަޗް އިންސްޓިޓިއުޓު (އެމްއެމްއާރުސީ) ން ބުނެފި އެވެ.

އެމްއެމްއާރުސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކަނޑުތަކުގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ފަރުތައް ސްޓްރެސްވެ، ގާ ހުދުވުމުގެ ފުރުސަތު މިދުވަސްވަރު ބޮޑުވެފައިވާ ކަމަށެވެ.

ނޭޝަނަލް އެންވަޔަރަމެންޓަލް ސެޓްލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސާވިސްއިން ދައްކާގޮތުގައި މިވަގުތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައް ވެސް އޮތީ ގާ ހުދުވުމުގެ ގިންތި ބައިނަލްއަގުވާމީ ގޮތުން ގިންތިކުރާ މިންގަނޑުގެ ވޮޗް ލެވެލްގަ އެވެ. އަދި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މި ލެވެލް ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ވޯނިން ލެވެލްއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ކުރިއަށްއޮތް 9 ހަފްތާއާއި 12 ހަފްތާގެ ދެމެދު ހުވަދު އަތޮޅުން ފެށިގެން ދެކުނުގެ ސަރަޙައްދުތަކުގައި މި ގިންތި އެލާޓް ލެވެލް އެކަކަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އެމްއެމްއާރުސީން ވަނީ ކަނޑުތައް ހޫނުވުމުގެ މައްސަލަ ކުރިމަތިވެ ފަރުތައް ހުދުވުމުގެ ފުރުސަތު ބޮޑުވެފައިވާތީ ދެކުނުގެ ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ހިނގާނަމަ ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެމްއެމްއާރުސީން ބުނީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާކަމަކަށް ވާތީ ފަރުތަކުގެ ގާތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް ފަރުތައް ހުދުވަމުންދާ ސަރަޙައްދުތައް ދެނެގަނެވި އިންސާނުންގެ ފަރާތުން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވިގެން ނޫނީ ފަރުތައް ހުދުވަމުންދިޔުމުގެ ސަބަބުން ލިބޭ ގެއްލުން އިޔާދަވުން ވަރަށް ބޮޑަށް ލަސްވެގެންދާނެކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.

އެމްއެމްއާރުސީން ބުނީ މިދުވަސްވަރު ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން 1998 ވަނަ އަހަރަށްފަހު މިފަދަ ކަންކަން ހިނގުން އަވަސްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.