ބާރު ސްޕީޑުގައި ދުއްވި ލަމްބޯގިނި ކާރެއް ކޮންޓްރޯލް ނުވެ، ހުޅުމާލެ ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްގައި ޖެހި ފުނޑުފުނޑުވެއްޖެ އެވެ.

މިއަދު ހެނދުނު 7:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި ކާރު ފުށުން ޖެހިފައި އޮތް އިރު ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ، އެތަން ވެސް ވަނީ ވެއްޓިފަ އެވެ. އަދި އެ ކާރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

މި އެކްސިޑެންޓްގައި ހަލާކުވި ލަމްބޯގިނި ކާރަކީ ރާއްޖެއަށް ގިނަ އަދަދަކަށް ތެލުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާގެ ދަރިއެއްގެ ކާރެއް ކަމަށްވެ އެވެ. އަދި މިއީ ބްރޭންޑް ނިއުކޮށް ވަރަށް ފަހުން ގެނައި ކާރެއް ކަމަށްވެ އެވެ.

ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓްގައި ހަލާކުވި ލަންބޯގިނި ކާރު.

ހުޅުމާލެއަށް އަރާ ހިސާބު ހައިވޭގައި ހިނގި މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:42 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ފުރޮޅާލާފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.