ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާގެ ގޮތުގައި މިހާތަނަށް ލިބެމުން އައި ފައިސާއިން ބޮޑުބައެއް އުނިވާ ފަދަ އުސޫލެއް އެ ކުންފުނިން ތައާރަފްކޮށްފި އެވެ.

"ހުރިހާ"އާ މައުލޫމާތު ހިއްސާކުރި ސްޓެލްކޯގެ ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި ދާދިފަހުން ވަނީ 48 ގަޑިިއިރު މަސައްކަތް ކުރުމުން ނޫނީ އޯޓީ ނުލިބޭނެ ކަމަށް ކަނޑައަޅައި ސާކިއުލާއެއް ނެރެފަ އެވެ.

ސްޓެލްކޯއިން ނެރުނު ސާކިއުލާގައިވާ ގޮތުން، މީގެފަހުން އިތުރުގަޑީގެ ފައިސާ ލިބޭނީ ހަފްތާއަކު 48 ގަޑިއިރު ރަސްމީ މަސައްކަތް ކުރުމަށް ފަހު އެވެ. މީގެ ކުރިން އެ ކުންފުނީގައި އޯޓީ ދެމުންއައީ ހަފްތާއަކު 35 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ.

މި ބަދަލާއެކު އާދައިގެ މުވައްޒަފުންގެ މުސާރައިން މަދުވެގެން 40 އިންސައްތަ އުނިވެ، މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވާނެ ކަމަށް މުވައްޒަފުން ބުނެ އެވެ.

އާ އުސޫލުގެ ދަށުން ހަފްތާއަކު ބަލިވެގެން ސަލާމް ބުނެފި ނަމަ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީއެއް ނަގައިފިނަމަ، އެ ހަފްތާއެއްގައި އޯޓީ ނުލިބޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ދުވަހު އެޓެންޑަންސް އެލަވަންސް 60 ރުފިޔާއިން 80 ރުފިޔާއަށް ވަނީ އިތުރުކޮށްފަ އެވެ.

މީގެ އިތުރުން ހަފްތާގެ ހަވަނަ ދުވަހު ނުކުމެ ހަ ގަޑިއިރު މަސައްކަތް ކޮށްފިނަމަ މުސާރައިގެ ދެ އިންސައްތަ ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ ކުރިން ހަފްތާއަކު 20 ގަޑިއިރު އޯޓީ ލިބުނު ނަމަވެސް، މި ބަދަލާއެކު ލިބޭނީ ހަފްތާއަކު ހަތް ގަޑިއިރުގެ އޯޓީ އެވެ.