މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މި ހުޅުވިގެން ދިޔަ މީޑިއާ ސެންޓަރަކީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައިވާގޮތަށް ކައުންސިލާއި މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށްޓަކައި ފެށިގެން ދިޔަ މުހިންމު މަސައްކަތެއްކަމަށެވެ.

މި މަސައްކަތަކީ ކައުންސިލް ބަޖެޓްގައިވެސް ހިމެނިފައިވާ ކަމެއް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ. އަދި ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރަކީ މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ގުޅޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށް މޭޔަރު މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މީޑިއާ ސެންޓަރުން މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލް އޯޑިއޯ އާއި ވީޑިއޯ އަދި ބައްދަލުވުންތަކުގެ ޒަރީއާއިން ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މޭޔަރު މުއިއްޒު ވަނީ ދެއްވާފަ އެވެ.

މިއާއި އެކު އަމިއްލަ ފަރުދުންނާއި އެކިއެކި ޖަމިއްޔާތަކާއި ކްލަބްތަކާއި އެނޫންވެސް ފަރާތްތަކަށް މި ސެންޓަރުގެ ބޭނުން ހިފޭނެ ކަމުގައި މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލް މީޑިއާ ސެންޓަރުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތާއި، މަދަހަ މުބާރާތް ކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: މާލެ ސިޓީ ކައުންސިލު

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ މީޑިއާ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ބައިވެރިވެ ވަޑައިގެންދެއްވި ކަމަށްޓަކައި މޭޔަރު ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ އަށް ޝުކުރު ދަންނަވާފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ޓީމް އެކުލަވާލެވި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކައުންސިލްގެ ވެބްސައިޓް ގެ އާ ފަރުމާ، އަދި ޓެލެގްރާމް ޗެނަލް، އަދި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ގާއިމްކޮށް ރަސްމީކޮށް އިފްތިތާހް ކުރެވިގެންދިއުމަކީ ކައުންސިލްގެ މަސައްކަތްތަކުގެ މަޢުލޫމާތު މާލެ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ.