އޮފީސް ނުވަތަ ވަޒީފާގެ މާހައުލަކީ ދިރިއުޅުމުގެ ވަރަށް މުހިއްމު ހިއްސާއެކެވެ. ދުވަސް ފެށެނީ އޮފީހުގެ މާހައުލުންނެވެ. ދުވަސް ނިމެން ދަނީ އޮފީހުގެ މާހައުލުންނެވެ. ވީއިރު ވަޒީފާގެ މާހައުލުގައި ރަނގަޅު އާދަތައް ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ވަޒީފާގެ މާހައުލުގައި ދުވަހުގެ މަސައްކަތްތައް ފެށުމުގެ ކުރިން ކުރުން ރަނގަޅު ބައެއް ކަންކަމަށެވެ.

ރަނގަޅު ނާސްތާއެއް ކުރުން

ގޭގައި މަސައްކަތްކުރި ނަމަވެސް ނުވަތަ އޮފީހަށް ގޮސް މަސައްކަތްކުރި ނަމަވެސް ހައިބަނޑާ ދުވަސް ފެށުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމަށް ވީއިރު ދުވަހުގެ މަސައްކަތްތައް ފެށުމުގެ ކުރިން ރަނގަޅު ނާސްތާއެއް ކުރުމަކީ ނަފްސާނީ ގޮތުން މަސައްކަތަށް ތައްޔާރުކުރުވާނެ ކަމެކެވެ.

ދުވަހުގެ ތާވަލް ރާވާލުން

އެ ދުވަހަކު ކުރަން ޖެހިފައި އޮތް މަސައްކަތްތައް ރާވައި ތަރުތީބުކޮށްލާށެވެ. އެ ދުވަހެއްގެ "ޓު ޑޫ ލިސްޓް" އެކުލަވާލާށެވެ. މި ގޮތުގެ މަތިން އެއްވެސް ކަމެއް ހަނދާން ނުނެތި ރޭވުންތެރިކަމާއެކު މަސައްކަތްތައް ނިންމާލެވޭނެ އެވެ.

އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރުން

ދުވަހުގެ މަސައްކަތްތައް ފެށުމުގެކުރިން އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކޮށްލައި ސަލާން ގަލާން ކޮށްލާށެވެ.

އޮފީހުގެ މާހައުލު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށްޓަކައި މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަން ބަދަހި ކުރަންވާނެ އެވެ. އެގޮތުން ދުވަސް ފެށުމުގެ ކުރިން ފެނިދެނިވެ، ވާހަކަ ދައްކާލުމަކީ އެކަމަށް އޮތް މަގެކެވެ.