ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މިވަގުތު ލިޔުން ހަވާލުނުކޮށް އޮތީ 1،755 މީހެއްގެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ގުޅިފަޅުގެ ބިންތަކުގެ ރަޖިސްޓްރީއާއި ލިޔެކިޔުންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 އިން ފެށިގެން މެދުނުކެނޑި ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ލިޔުން ހަވާލުނުކުރެވި ބާކީ ތިބި މީހުންނަކީ އެ ފަރާތްތަކަށް ލިބިފައިވާ ބިންތައް ހުރި ސަރަހައްދުގައި މި ވަގުތު މަސައްކަތު ސައިޓެއް ހިންގަމުންދާތީ ނުވަތަ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުންނެވެ.
ކުރިން ގުޅިފަޅަށް ގޮސް ބިން ދެއްކުމަށްފަހު އެ ސަރަހައްދުގައި ތިބެގެން ލިޔެކިޔުން ދޫކުރަމުން އައި ނަމަވެސް، އިއްޔެއިން ފެށިގެން "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ލިޔުންތައް ޑައުންލޯޑު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ. މިގޮތަށް ޑައުންލޯޑު ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ މީހުންނަށް އެކަނި ކަމަށާއި، މަސައްކަތު ސައިޓުތަކުގައި ބިންތައް ހުރި މީހުންނަށް ލިޔުން ލިބޭނީ އެ މަސައްކަތްތައް ނިމުމުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އާ ރަޖިސްޓަރީ ދޫކުރަން ފެށި ނަމަވެސް، ބައެއް ވެރިފަރާތްތަކުން ދަނީ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދަމުންނެވެ. އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އާ އެއްބަސްވުމާއި ގޯތި ދިނުމުގެ މައިގަނޑު އުސޫލާ ފުށުއަރަ އެވެ. ނަމަވެސް މިނިސްޓްރީން ހާމަކުރި ގޮތުގައި ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން، އާ އެއްބަސްވުމެއް އެކުލަވާލަން މަޖުބޫރުވީ އެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ދޭން ނިންމީ 2,438 ގޯތި ކަމަށް ވިޔަސް، ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު މިހާރު އެތަނުން ޖުމްލަ 3,548 ގޯތި ދޫކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,114 ގޯތި ވެސް ހިމެނެ އެވެ.
12،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް