ޖަރުމަނުގެ އާރުއީޑަބްލިޔުއީ (ރީވީ) ގްރޫޕުގެ ޑާ ޓޫރިސްޓިކް ކުންފުނިނީގެ އެލްޓީއައި ހޮޓެލްސް ބްރޭންޑިންގެ ދަށުން ހިންގަމުން އައި އދ. މާފުށިވަރު އެމެރިކާގެ އައުޓްރީގާ ހޮސްޕިޓަލިޓީ ގްރޫޕަށް ވިއްކާލައިފި އެވެ.
ޔުނިވާސަލް ރިސޯޓްސް އިން ކުރިން ހިންގި އދ. މާފުށިވަރު ރިސޯޓަކީ ފަހުން ޕެރެޑައިޒް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރި ރިސޯޓެކެވެ. ކޮވިޑާ ގުޅިގެން ބަންދުކުރުމަށް ފަހު ޖުލައި 2020 ގައި ރިސޯޓް އަލުން ހުޅުވީ ބޮޑު މަރާމާތެއް ކުރުމަށް ފަހު އެވެ.
ފަސް ތަރީގެ ފެންވަރަށް ތަރައްގީކުރި މާފުށިވަރުގައި ބީޗް ވިލާ އާއި ޕޫލްވިލާ ހިމެނޭހެން 81 ކޮޓަރި ހުރެ އެވެ.
އެ ކުންފުނިން މާފުށިވަރު މިދިޔަ ބުރާސްފަތި ދުވަހު ގަތުމަށް ފަހު، ރިސޯޓުގެ ނަން "އައުޓްރިގާ މޯލްޑިވްސް މާފުށިވަރު" އަށް ބަދަލު ކުރަން ނިންމާފައިވެ އެވެ.
"ރާއްޖެއަށް ވުރެ މަތީ ފަންތީގެ ހިތްފަސޭހަކަމާއި ލަދުވެތިކަމާއި އެކަހެރިކަން ދައްކުވައިދޭ މަންޒިލްތައް މަދުވާނެ. މި ރިސޯޓަކީ ދުނިޔޭގެ ބީޗް ފްރޮންޓް ޕްރޮޕަޓީސްތަކަށް އަޅުގަނޑުމެންގެ ރޭންޖްއަށް އިތުރުވި އެންމެ ފުރިހަމަ ތަން،" އައުޓްރިގާ ހޮސްޕިޓާލިޓީ ގްރޫޕްގެ ރައީސް އަދި ސީއީއޯ ޖެފް ވަގޮނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަތުރުފަތުރު އިތުރުވަމުން އަންނައިރު، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުޙަބާ ކިޔައި، ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ އަދި އައުޓްރިގާ ސިގްނޭޗާ ތަޖުރިބާތައް ބަލައިގަނެ، ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ތަނެއް ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އެ ރިސޯޓާ ހަވާލުވާ އައުޓްރިގާ އަކީ އެކި ގައުމުތަކުގައި ރިސޯޓް އޮޕަރޭޓް ކުރަމުން އަންނަ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނިން ގދ. ކޮނޮންޓާގައި ހެދި އައުޓްރިގާ ކޮނޯންޓާ ރިސޯޓު ވެސް ދާދިފަހުން ފަހުން ތައިލެންޑްގެ ކުންފުންޏަކަށް ވިއްކާލައިފަ އެވެ.
އެ ކުންފުނީގެ ގްލޯބަލް ކޮމިއުނިކޭޝަންސް އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީގެ ވައިސް ޕްރެޒިޑެންޓް މޮނިކާ ސެލާ ޕެސިފިކް ބިޒްނަސް ނިއުސް (ޕީބީއެން)އަށް ވިދާޅުވެފައި ވަނީ، އެ ރިސޯޓުގައި 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ ކަމަށާއި، އޭގެ ތެރެއިން ގިނަ މުވައްޒަފުން ތިބޭނީ ޓްރާންސިޝަން މަރުހަލާގައި ކަމަށެވެ.
ސެލާ ވިދާޅުވީ އެކުންފުނިން ވެސް ކުރީގެ ލީޑަރޝިޕް ރޯލުތައް އަދާކޮށްފައިވާ ގިނަ މުވައްޒަފުންތަކެއް ގެންނަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ޖެނެރަލް މެނޭޖަރު ޖޯން އެލަންސަން ވެސް ހިމެނިވަޑައި ގަނޭއިރު، އޭނާ ވަނީ އެ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ އާއެކު އެހެން އޮޓްރިގާ ޕްރޮޕަޓީތަކުގައި މަސައްކަތް ވެސްކޮށްފަ އެވެ. މީގެ އިތުރުން ރިސޯޓް މެނޭޖަރު، އެގްޒެކެޓިވް ޝެފް، އެޗްއާރުގެ ޑިރެކްޓަރު އަދި ޑައިރެކްޓަރު އޮފް ރެވެނިއު ފަދަ މުހިންމު ލީޑާޝިޕް ރޯލްތައް ވެސް އޮޓްރިގާ ޓީމަށް ނަގާނެ ކަމަށް ބުނެފައިވެ އެވެ.