މުޅި ތަނަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. ގޭގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވިޔަސް އާވެގެން ދަނީ މަންމަގެ ހަނދާންތަކެވެ. އުމުރުން 23 އަހަރު ފުރި ފުރާވަރުގެ ދުވަސްތައް ގުނަމުން ދިޔަ ކަމުގައިވިޔަސް އަހަންނަކީ މަންމައާއި ނުލާ އުޅެން ދަސްވެފައި ހުރި މީހެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ މަންމަ އަހަރެން ބަލާބޮޑުކުރީ ހިނދުކޮޅަކަށްވެސް މަންމައާއި ދުރުނުކޮށް އިންތިހާ ލޯބި ދީގެންނެވެ.

މަންމަގެ ދެންތިބި ދެދަރިންނަށް ވުރެ އަހަރެން ދެކެ ލޯބި ވާކަން އެއީ އެންމެންނަށް އެނގޭ ޙަޤީޤަތެކެވެ. އެއީ ބައެއް ފަހަރު ކޮއްކޮމެންގެ ނުރުހުންތެރިކަން އަހަންނަށް އަމާޒުވާ ސަބަބަކަށް އޮންނަނީ ވެފަ އެވެ. ނަމަވެސް އެދުވަސް ފާއިތުވެ ހިނގައްޖެ އެވެ. މިއަދު އެކަނި އުޅެން ދަސްކުރަން އަހަންނަށް އޮތީ މަޖުބޫރުވެފަ އެވެ. މަންމަގެ އޯގާތެރި އަޅާލުން ދެން ދުވަހަކުވެސް ނުލިބޭނެތީ އެވެ.

ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު ފުން ނޭވާއެއް ލީމެވެ. އޭރު ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު ކޮއްކޮ ގެއަށް އައިސް އުޅޭ އަޑު އިވެ އެވެ. ފެންޑާ ތެރެއިން އިވެމުންދިޔަ ޤުރުއާނުގެ އަޑުން ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބެމުން ދިޔަ އެވެ. އިޝާ ނަމާދަށް ގޮވަމުން ދިޔަ ބަންގީގެ އަޑު އަހަރެންގެ ކޮޓަރިއަށް ސާފުކޮށް އިވެމުން ދިޔަ އެވެ. މުށުތެރޭގައި އޮތް ތަޅުދަނޑިއަށް އެއްލުނު ކަޅިއާއިއެކު މަންމަގެ ފަހުބަސް ހަނދާނަށް އައެވެ. އެތަޅުދަނޑިއަކީ އަހަންނަށް އޮތް އަމާނާތެއް ކަމަށް ބުނި ބުނުމާއި މަންމައަށް ހިތްހެޔޮ ކުރުމަށް އެދި ކުރި ވަޞިއްޔަތެވެ. އެތަޅުދަނޑިއަކީ ގޭގެ ގުދަން ކޮޓަރީގައި ހުރި މުސްކުޅި އަލަމާރީގެ ތަޅުދަނޑިކަން މޭރުންވާކަށް އަހަންނަށް ގިނައިރެއް ނުވިއެވެ. މަންމަގެ ދުނިޔޭގައި އެއީ ވަރަށް ރައްކާތެރިކަމާއެކު ބެލެހެއްޓި އަލަމާރި އެކެވެ. ކުޑައިރު ކުޅެން އުޅުމުގައިވެސް އެ އަލަމާރި ކައިރިއަށް ދިއުން މަންމަ އޮންނަނީ މަނާކޮށްފަ އެވެ. ސަބަބަކީ ކޮބާ ކަމެއް ނޭނގެއެވެ. އަހަރެން ސުވާލެއްވެސް ނުކުރަމެވެ. މަންމަ އަހަންނަށް ކަމެއް މަނާކޮށްފިނަމަ އޭގެ ފަހަތުގައި ވާނީ ރަނގަޅެއްކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަލަމާރީގެ ސިއްރަކީ އަހަރެންގެ ހިތުގައި އަބަދުވެސް ސުވާލު އުފެދިފައި އޮތް ސިއްރެކެވެ. މިއަދު މިއޮތީ އެވަގުތު އައިސް ޖެހިފަ އެވެ. އަލަމާރީގެ ސިއްރު އެނގި ހާމަވާން އުޅެނީއެވެ

.މަޑު ހިނގުމެއްގައި ގޭގެ ގުދަން ކޮޓަރިއާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ގުދަނާއި ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އެހެނީ އެ އަލަމާރީގެ ސިއްރަކީ އަހަރެން އަބަދުވެސް އެނގެން ބޭނުންވި ސިއްރެކެވެ. މިއަދު އެ ސިއްރު ހާމަވާން އުޅޭއިރު އަހަރެންގެ ހިތުގައި އެނބުރެމުން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެކެވެ. ތަޅުދަނޑި ޖަހައި އަލަމާރި ހޮޅުވާލުމާއެކު ލޮލުގައި އަޅައިގަތީ މަކުނުވާ އަޅައި ފުރިފައިވާ ސިޓީއުރަ އެކެވެ. ހިރަފުސްތައް ފޮޅާލަމުން ސިޓީއުރަ ކަނޑާލައި އޭގައި ހުރި ތަކެއްޗަށް ނަޒަރު ހިންގާލީމެވެ. އެވަގުތު ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. އޭގައިވަނީ ޤާނޫނީ ބަލަދުވެރިކަމުގެ ލިޔެކިޔުންތަކަކާއި ނުދަންނަ ދެމަފިރިއަކާއެކު ނަގާފައިވާ އަހަރެންގެ ތަސްވީރުތަކެއްގެ އިތުރުން އަހަރެންގެ ނަމުގައި އޮތް ސިޓީ ތަކެކެވެ. ހިތަށް އެރިއެވެ. އެ ސިއްރު ސިއްރެއްގެ ގޮތުގައި އޮތްނަމަ މާ ރަނގަޅު ވީހެވެ. އުމުރު ދުވަހު މައިންބަފައިންގެ ގޮތުގައި ދެކެމުން އައި މީހުންނަކީ އަހަރެންގެ އަސްލު މައިންބަފައިންނަށް ނުވުމަކީ ހުވަފެނުގައިވެސް އަހަރެންގެ ޚިޔާލަށް ގެނެވުނު ކަމެއް ނޫނެވެ. އަލަމާރީގެ ސިއްރަކީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ސިއްރަކަށް ވުމަކީ ދުވަހަކުވެސް ހިތަށް ތަޞައްވުރު ކުރެވުނު ކަމެއް ނޫނެވެ.

ސިޓީ އުރައާއެކު ކޮޓަރިއަށް އެނބުރި ދިޔައިރު އަހަރެންގެ މުޅި ދިރިއުޅުމާއިމެދު ސުވާލު ކުރެވެން ފެށުނެވެ. އުމުރުން ވީހާ ދުވަހެއް މިހޭދަވީ ދޮގެއްގެ ބިންގަލުގައެވެ. އަމިއްލަ މައިންބަފަންނަށް ހަދައިގެން އުޅުނީ ޙަޤީޤަތުގައި ބީރައްޓެހި ޣައިރު ބައެކެވެ. އެކަމަކު ހިތަށް އެރިއެވެ. މިބިންމަތީގައި ލޭގެ ގުޅުމަށްވުރެ މާތް ވެގެންވަނީ ހިތުގެ ގުޅުމެވެ. އެހެނީ މަންމައާއި ބައްޕަ އަހަރެން ގެންގުޅުނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ލޭގެ ގުޅުމެއް ނެތްކަމުގެ ކުޑަވެސް އިޙްސާސެއް ވިޔަނުދީ އެވެ. ކަން އެހެން އޮތަސް މިއަދު އަހަރެންގެ ސިކުނޑީގައި ވަނީ ޖަވާބު ނޭނގޭ އެތައް ސުވާލުތަކެކެވެ. އަހަރެން ބަލާބޮޑުކުރީ އަހަރެންގެ މައިންބަފައިން ނޫންކަމަށް ވާނަމަ އަހަރެންގެ އުފަން މައިންބަފައިންނަކީ ކޮން ބައެއް ހެއްޔެވެ؟ ބީރައްޓެހި ޣައިރު ބައަކާއި އަމިއްލަ ދަރި ޙަވާލުކުރީ ކީއްވެގެން ހެއްޔެވެ؟ 23 އަހަރު ވެގެން ދިޔައިރު އަހަންނާއި ބައްދަލު ކުރަން މަސައްކަތް ނުކުރީ ކީއްވެ ހެއްޔެވެ؟ އުފަން މައިމީހާގެ ހިތުގައި މައިކުލުނުގެ ކުޑަވެސް ކަންފުޅެއް ނެތީހެއްޔެވެ؟ މިފަދަ އެތައް ޝަކުވާ ތަކަކުން އަހަރެންގެ ހިތް ނުތަނަވަސް ކުރަމުން ދިޔައެވެ. އެ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށް އަހަރެންގެ ނަމުގައި ހުރި ސިޓީތައް ކިޔުމަށް ޤަސްދު ކުރީމެވެ.

ސިޓީއަކަށްފަހު ސިޓީއެއް ކިޔަމުން ދިޔައިރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔަ އެވެ. އަހަރެންގެ އުފަން އާއިލާއަކީ މާލޭގެ ނުފޫޒުގަދަ އާއިލާއެކެވެ. އުމުރުން އެންމެ ހަމަހުގައި މަންމަ މެންނާއި އަހަރެން ޙަވާލުކުރީ އެވަގުތު ދަރިއަކު ބަލާބޮޑުކުރުމަށް ތައްޔާރު ނުވުމުން ކަމަށް އަހަރެންގެ އުފަން މައިމީހާ ލިޔެފައި އޮތް އެ ސިޓީތަކުގައި ބުނެފައިވެ އެވެ. ޙަޔާތުގައި ދަރިންގެ މުޙިއްމުކަން އިޙުސާސް ވިއިރު ވަގުތު ފާއިތުވެއްޖެ ކަމަށާއި މިއަދު ދުވަސްތައް ގުނަން ޖެހިފައި އޮތީ ބަލި އެނދުގައި ކަމަށްވެސް ލިޔެފައިވެއެވެ.. މުދަލާއި ފައިސާއިން ލިބުނު ހިތްހަމަ ޖެހުމެއް ނެތްކަމާއި ދިރިއުޅުމުގެ ޙަޤީޤީ އުފަލަކީ ދަރިންކަން މިއަދު އެނގިއްޖެކަމަށް ބުނެފައިވާއިރު ޒުވާންކަމުގެ ޖޯޝުގައި ނިންމުނު ނިންމުމާއި މެދު މިއަދު ހިތާމަ ކުރާ ކަމަށާއި މަންމައަށް މަޢާފް ކޮށްދިނުމަށް އެންމެ ފަހު ސިޓީގައި އެދިފައިވެ އެވެ. ފަތްޖަހާފައި އޮތް ކަރުދާސްކޮޅެއް އަހަރެންގެ ލޮލުގައި އަޅައިގަތީ ހުރިހާ އެއްޗެއް އަނބުރާ އުރައިގެ ތެރެއަށް ލާން އުޅުމުގެ ތެރޭގަ އެވެ. މަންމަގެ އަތުލިޔުމުން ލިޔެފައި އޮތް އެ ކަރުދާސް ކޮޅުގައި ލިޔެފައި އޮތީ އެ ޙަޤީޤަތް އަހަންނަށް ސިއްރުކުރީ މައިވަންތަކަމުގެ ދަހިވެތި ކަމުގައި ކަމަށާއި މަންމަގެ ޙަޔާތުން އަހަރެން ދުރަށް ގޮސްދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. ކުށަކަށްވާނަމަ މަޢާފު ކުރުން އެދި މަންމަ އެ ލިޔުންކޮޅު ނިންމާލާފައިވަނީ ބަލިއެނދުގައި އޮތް އަހަރެންގެ އުފަން މަންމައަށް ޚިދުމަތް ކޮށްދޭން ވަޞިއްޔަތް ކުރަމުންނެވެ. ކަރުދާސްކޮޅުގެ ފަހަތުގައި ފޯނު ނަމްބަރަކާއި މާލޭގެ އެޑްރެސް އެއް ލިޔެފައި އޮތެވެ. ހިތަށް އެރިއެވެ. ދުނިޔޭގައިވެސް ތަފާތު މީހުން އުޅެ އެވެ. އެއްބަޔަކު އުފަން ދަރިއަކު ދުނިޔެއަށް ގިނަކޮށްލަން ފަސް ނުޖެހޭއިރު އަނެއްބަޔަކު ލޭގެ ގުޅުމެއް ނެތް ކުއްޖަކަށްޓަކައި ހިތާއި ރޫޙުން ޤުރުބާންވާނެ އެވެ.

ސިޓީތައް އަނބުރާ އުރައަށް ލުމަށްފަހު އެނދުގައި އޮށޯވެލީމެވެ. ބާލީހުގައި އޮޅުލައިގަނެވުނީ އިންސާނީ ތަޞައްލީއަށް އެދޭ ފަދައިންނެވެ. ފާއިތުވެ ދިޔަ މާޒީގެ ސަފުޙާތައް ހިތުގައި ފިލުމެއްހެން އެނބުރެމުން ދިޔަ އެވެ. މަންމަގެ ލޯތްބާއި އޯގާތެރިކަމެވެ. ބައްޕަގެ ހިތްހެޔޮކަމާއި އަޅާލުމެވެ. މިއަދު އަހަރެން އެ ހުރިހާ ކަމަކުން މަޙުރޫމް ވީއެވެ. އަޅާލާނެ މީހަކު ނެތި ދުނިޔައަށް ބިކަވީ އެވެ. މަތީ ތަޢުލީމަށް ކިޔަވިފfއި ނެތީތީ ދެރަވި އެވެ. ތައުލީމާއި ތަހުޒީބު ނެތި ދުނިޔޭގައި އަންހެނަކު އެކަނި އުޅުމަކީ ކަށި ކުނބުރު ޖަންގައްޔެއް ހުސްފަޔާއި ހުރަސްކުރުން ފަދަ ކަމެއްކަން އެނގޭތީ އެވެ. ރާސްތާ ދިގުވެފައި އުނދަގޫ ވާނެކަން ވިސްނޭތީ އެވެ. ގްރޭޑް 10 އަކަށްފަހު ކިޔެވުން މެދުކެނޑުނީ މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރަށުގައި ނެތި މާލެއަށް ނުވަތަ އެހެން ރަށަކަށް ވިޔަސް ކިޔަވަން ފޮނުވޭނެ ކެރިފޯރުންތެރިކަން މަންމައާއި ބައްޕަގެ ކިބައިގައި ނެތުމުންނެވެ. މިންވަރުފުޅަށް ޝުކުރު ކޮށްގެން އަހަރެން ހުރީ އެނޫން ދުވަހެއްވެސް ދައްކަވާނެ ކަމުގެ އުއްމީދުގައި އެއްވެސް ޝަކުވާއެއް ނެތި އެވެ. އަންނަން އޮތް ދަތި އުނދަގޫ މުސްތަޤުބަލުގެ ޚިޔާލެއް ފިކުރެއް ނެތިއެވެ.މި ޚިޔާލުތައް ސިކުނޑީގައި އެނބުރެމުން ދިޔަވަރަކަށް ހިތަށް ކުރަމުންދިޔަ އަސަރުތައް އިންތިހާ އެވެ. ނަޞީބުގައި އޮތް ހިތްދަތިކަމާއި އެކަނިވެރިކަން އިޙުސާސްވާ ކޮންމެ ފަހަރަކު ހަށިގަނޑު ފިނިވެ އެވެ. ދުލުން އެ ޖަޒުބާތުތައް ބަޔާންނުކުރެވުނު ކަމުގައިވިޔަސް އެވަގުތު އަހަރެން ފެނުނު ކޮންރެ މީހަކަށް އަހަރެންގެ ހިތަށް ކޮށްފައިވާ އަސަރު ރަނގަޅަށް ބުނެދޭން އެނގޭނެ އެވެ. ލޮލުން ފޭދެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަހަރެން ތެދުވަން ހިތްވަރު ކުރީމެވެ. ހިތުގައި އަޒުމެއް ކަނޑައަޅައި ނިންމީމެވެ. ބާލިސް ދަށުގައި އޮތް ފޯނު ނަގައި ސިޓީއުރައިން ނެގި ކަރުދާސްކޮޅުގައި އޮތް ނަމްބަރަށް އަހަރެން ގުޅާލީމެވެ. ފޯނު ރިންގުވަމުން ދިޔައިރު އަހަރެންގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ.

"ހަލޯ" އެކޮޅުން ފޯނު ނެގީ އަންހެކެވެ. އެ އަޑުގައި ވަނީ ބަލިކަމާއި މޮޅިވެރިކަމެވެ. ކަންފަތުގައި އެއަޑު ޖެހުމާއެކު ބުނެދޭން ނޭނގޭ ކަހަލަ އިޙުސާސްތަކެއް އަހަންނަށް ކުރެވުނެވެ.

"އާމިނަތު ރަޝީދާ އާއި ގުޅިދާނެތޯ؟" ނުތަނަވަސްކަމާއެކު އަހަރެން އެހީމެވެ.

"ވާހަކަ ދައްކަނީ ރަޝީދާ... ތީ ކޮން ކުއްޖެއް؟" އެ ޖުމްލައާއެކު އަހަންނަށް ފަސް ޖެހެވުނެވެ. ބޭއިޚުތިޔާރުގައި ލޯމަރާލެވުނު އިރު ލޮލަށް އެއްވެފައި ހުރި ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބައިގަތެވެ. އަހަންނަށް ވާހަކަ ދެކެވެމުން ދިޔައީ އަހަރެންގެ އުފަން މަންމައާއެވެ. ހިތުގައި ޝަކުވާތައް ކިތަންމެ ގިނަޔަސް އެހިނދު އެމަންމައަށްޓަކައި އަހަރެންގެ ހިތް ލޯތްބާއި ކުލުނުން ފުރުނެވެ.

"އަޅުގަނޑަށް ކިޔަނީ ނަސްމާ" އަހަންނަށް ބުނެވުނެވެ.

އެއާއެކު މުޅި ތަނަށް ހަމަހިމޭންކަން ވެރިވެގަތެވެ. ދެމައިންކުރެ އެކަކުވެސް އަނގައިން ނުބުނެ ހިނދުކޮދެއް ދިޔަ އެވެ. މަންމަގެ ގިސްލުމުގެ އަޑު އިވެންފެށީ އެއަށްފަހުގަ އެވެ.

"މަންމައަށް މަޢާފުކުރޭ ދަރިފުޅާ!" މަންމަގެ އަޑު ފަޅައިގެންދިޔަ އެވެ.

އެއަށްފަހު އައި ދެތިން މިނެޓަކީ އަސަރުގަދަ ވަގުތު ކޮޅެކެވެ. މަންމަ ރުއިމާއެކު ކުރި އާދޭސްތައް އަޑުއަހަން އަހަންނަށް ހުރެވުނީ ރޮވިފައެވެ. މަންމަ ކައިރިއަށް އައިސްދިނުމަށް އެދި ހުއްޓުމެއްނެތި އާދޭސް ކުރަމުން ދިޔައިރު އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފަ އެވެ. ޢުމުރުގައި އަލަށް އުފަން މަންމަގެ އަޑު ކަންފަތުގައި ޖެހުނީތީ އުފާކުރަންވީ ކަމެއް ނުވަތަ މުޅި ޢުމުރުދުވަހު އެ މަންމަގެ ޚަބަރެއް ނުވީތީ ޝަކުވާ ކުރަންވީ ކަމެއް ނޭނގިފަ އެވެ. ފޯނު ދިގުކުރާކަށް މަންމަ ނުހަދަ އެވެ. ވީހާވެސް އަވަހަކަށް މަންމަ ކައިރިއަށް އައިސްދިނުމަށާއި ނައި ނަމަވެސް މަންމައަށް ހިތްހެޔޮ ކޮށް ހެޔޮ ދުޢާ ކޮށްދިނުމަށް ތަކުރާރުކޮށް އެދެމުން މަންމަ ފޯނު ކުރުކޮށްލީ އެވެ.

ފުން ނޭވާއެއް ލުމަށްފަހު އަހަރެންވެސް އެނދުގައި އޮށޯތީމެވެ. ނިދި ވެރިވެ ބަރުވެފައިވާ ލޯމަރާލީ އަހަރެން ނިންމި ނިންމުމުގެ މަތީގައި ސާބިތުކަމާއެކު ހުރުމަށް ހިތާހިތުން ޢަޒުމް ކަނޑައަޅަމުންނެވެ. ޖެހިގެން އައި ދުވަހު އަރައިގެން އައި އިރާއެކު އަހަރެން އަވަސްވެގަތީ ފޮށި ތަންމަތި ބަންނާށެވެ. އެންމެ އަވަހަށް ފުރާ އޮޑިއަކުން މާލެ ފުރާށެވެ. އަހަންނަށްޓަކައި މުޅި ދުނިޔެ ވަޤުފުކުރި މަންމަގެ އެންމެ ފަހުގެ އެދުން ފުރިހަމަ ކޮށްދޭށެވެ. ހިތުގައި ޝަކުވާތައް ފުރި ބަންޑުންވިޔަސް ހިނިތުންވުމަކާއެކު އަހަރެންގެ އުފަން މައިމީހާއާއި ބައްދަލުކުރާށެވެ. މައެއްގެ ފަރާތުން އަހަންނަށް ލިބެންވާ ޙައްޤު ލޯތްބާއި ކުލުނު އެފަރާތުން ނުލިބުނު ކަމުގައިވިޔަސް ދަރިއެއްގެ ޙައިޞިއްޔަތުން އަހަރެންގެ ވާޖިބުތައް އަދާ ކޮށްދޭށެވެ. މިއަދުން ފެށިގެން އަހަރެނުގެ ޙަޔާތުގެ މަޤްޞަދަކީ އެއީ އެވެ. މާތް ﷲގެ އިރާދަފުޅާއެކު ހަށީގައި ފުރާނަ ހުރިހާ ދުވަހަކު އަހަރެންގެ އަޅާލުމާއި ލޯބި އޭގެ ޙައްޤުވެރިންނަށް ލިބޭނެ އެވެ. އަހަރެން ދެމިހުންނާނީ ހެޔޮލަފާ ދަރިއެއްގެ ގޮތުގަ އެވެ.