ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އިތިއޯޕިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭ އެވެ.
މި އެއްބަސްވުމާއެކު އިތިއޯޕިއާ ވެގެން ގޮސްފައި ވަނީ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއަށް ފަހު ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް އެކުލަވައިލި އެފްރިކާ ބައްރުގެ ހަވަނަ ގައުމަށެވެ. މީގެ ސަބަބުން އެފްރިކާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިތިއޯޕިއަން އެއާލައިންސްއިން އެ ގައުމުގެ ވެރިރަށް އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މަގުފަހިވާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންއަށް ވެސް އިތިއޯޕިއާއަށް ދަތުރުތައް ފެށުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ އެވެ.
ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ދުނިޔޭގެ އެކި ހަބް އެއާޕޯޓްތަކާ ރާއްޖެ ގުޅާލުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ވިލުންވެރި ވައިގެ ދަތުރުފަތުރުގެ ސިނާއާތެއް ބިނާކުރުމަށް މިއީ އެޅުނު ބޮޑު ފިޔަވަޅެކެވެ.
އެހެންކަމުން މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރިއަށް އާ ފުރުސަތުތަކެއް ހުޅުވިގެން ދާނެތީ، މީގެ ފުރިހަމަ މަންފާ ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނަށާއި ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.
ޖޭޑީ ވޭންސް އަދި އުޝާއަށް ފިރިހެން ކުއްޖަކު ލިބިވަޑައިގެންފި
ގާނޫނީ ވަކީލު ކަމުގެ އިމްތިހާނު ދެން ހަދަންޖެހޭނީ ފިޒިކަލްކޮށް
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަނީ