ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން ކައިވެނީގެ ވާހަކަތަކަކީ މިވަގުތު އެންމެ ގަދަޔައް ބޮލީވުޑްގައި ދެކެވެމުންދާ ވާހަކަތަކެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށް ދާކަން ރިޕޯޓުތަކުން އެނގިފައިވާއިރު، ކޮންމެ ފަންނާނެއްގެވެސް ތުންތުން މަތިން ދެކެވެނީ އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ވާހަކަތަކެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ސަންޖޭ ދަތްވެސް ވަނީ އެދެމީހުންގެ ކައިވެންޏާއި ގުޅިގެން ދެމީހުންނަށް މަރުހަބާ ކިޔާފަ އެވެ. އެގޮތުން ދެމީހުންވެސް އެކީގައި އުފަލުގައި ޒަވާޖީ ހަޔާތެއް ފެށުމަށް ސަންޖޭ ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ދެމީހުން އަވަހަށް ގިނަ ދަރިން ހޯދުމަށްވެސް އޭނާ ނަސޭހަތްތެރިވެފައިވެ އެވެ.

ސަންޖޭ ބުނިގޮތުގައި އާލިޔާ އަކީ އޭނާއަށް ވަރަށް ހާއްސަ ކުއްޖެކެވެ. އާލިޔާ ބޮޑުވެގެން ދިޔައީ ސަންޖޭގެ ކުރިމަތީގައި ކަމަށް އޭނާ ސިފަކޮށްފައިވެ އެވެ.

ހަމައެހެންމެ ރަންބީރަކީވެސް އޭނާއަށް ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ފަންނާނެކެވެ. ރަންބީރު ވަނީ، ސަންޖޭގެ ހަޔާތުގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމު "ސަންޖޫ" އިން މޮޅު އެކްޓެއް ދައްކައިދީފަ އެވެ.