ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުތަކެއް ވަގަށް އެހެން ޕާޓީތަކަށް ގެންގޮސްފައިވާތީ އެކަން ބަލައި ފިޔަވަޅު އެޅުމަށް ޕީޕީއެމްއިން އިލެކްޝަން ކޮމިޝަންގައި އެދިއްޖެ އެވެ.

ޕީޕީއެމްގެ 5،000 މެންބަރުން ވަގަށް ގެންގޮސްފައިވާތީ އެމައްސަލަ ބަލައިދިނުމަށް އިލެކްޝަން ކޮމިޝަނުގައި އެދިފައިވާކަން ހާމަކޮށްފައިވަނީ އެޕާޓީގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ތޮލާލު އެވެ.

ތޮލާލު ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޕީޕީއެމްގެ 5،000 އަށްވުރެ ގިނަ މެމްބަރުން އެހެން ޕާޓީތަކަށް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

މިމައްސަލަ އަކީ އިލެކްޝަންސް ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ޕީޕީއެމްއިން ވަގަށް ގެންދިޔަ މެމްބަރުން އަލުން ޕީޕީއެމްއަށް ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ތޮލާލް ވަނީ އެދިފަ އެވެ. އަދި މިކަން ކުރި ސިޔާސީ ޕާޓީތަކާއިމެދު އިލެކްޝަންސް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ވެސް ތޮލާލް ވަނީ ގޮވާލާފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މިވަގުތު ޕީޕީއެމްގައި ތިބީ 34،237 މެމްބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށްޓަކައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލަ ހައްލުކުރުމަށް، ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތައް ވަކި މުއްދަތަކަށް އާންމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އަދި ޕާޓީއަކަށް ވަންނަން އެދޭ މީހާއަށް ވެސް މެސެޖަކުން އެކަން އަންގާނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.