އިނގިރޭސިވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މައްޗަށް ޖެހި، ބޮޑު ކުރިއެރުމެއް ލިބެން ފަށައިފި އެވެ.
ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. ނަމަވެސް ހަނގުރާމައާއެކު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، އިނގިރޭސިވިލާތުގެ މާކެޓް ވަނީ ކުރިޔަށް ޖެހިލައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދަކީ ކޮވިޑުގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދާ އަޅާ ބަލާއިރު 42.4 ޕަސެންޓް އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 69،808 ޓޫރިސްޓުން އައިސްފަ އެވެ. މި އަދަދު 2019ގެ އޭޕްރީލް މަހުގެ ނިޔަލަށް ހުރީ 48،992 ގަ އެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިިހާތަނަށް ރާއްޖެއަށް ޖުމްލަ 531،019 ޓޫރިސްޓުން އައިސްފައިވާއިރު މީގެ ތެރެއިން 13.1 ޕަސެންޓް ހިއްސާކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ގައުމުގެ މަގާމު އިނގިރޭސިވިލާތުން ހޯދާފައިވަނީ، ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުކަމުގައިވާ އިންޑިއާއާ އަޅާބަލާއިރު، 10،404 ޓޫރިސްޓުންގެ ތަފާތަކާއެކު އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައި ވަނީ 62،777 ޓޫރިސްޓުންނެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު ވަނީ މިިދިޔަ އަހަރު އައި ޖުމްލަ އަދަދު ހުރަސްކޮށްފަ އެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުންދަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފެއާތަކާއި ރޯޑު ޝޯވްތަކުގައި ބައިވެރިވެ ރާއްޖޭގެ ޓޫރިޒަމާ ގުޅޭ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.