ހުޅުމާލޭގައި ހިންގާ "ހާންޖީ" ރެސްޓޯރެންޓްގެ ތެރޭގައި ބަންގްލަދޭޝްގެ މުވައްޒަފަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، އެތަނުގައި ޝެފެއްގެ ގޮތުގައި މަސައްކަތް ކުރި ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވަނީ އާބިދުގެ މައްޗަށް ދައުލަތުން އުފުލި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ނިންމަވާފަ އެވެ. މި ހާދިސާ ހިނގާފައިވަނީ ރެސްޓޯރެންޓްގެ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިން، އާބިދު އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝް މީހާގެ ބޮލަށާއި މެޔަށް ވަޅިން ހަމަލާދީގެންނެވެ.

ޝަރީއަތުގެ މަޖިލީހުގައި އާބިދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާ ދިފާއުގައި ބުނެފައިވަނީ ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި، ބަންގްލަދޭޝް މީހާ އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ބޯ ބުރާންތިވެފައި ހުރުމުން ބޭނުންކުރެވުނީ ވަޅިއެއްކަން ނޭނގޭ ކަމަށެވެ. ނަމަވެސް، ގާޒީ ޝާފިއު ވިދާޅުވީ އާބިދު ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ ނުރައްކާތެރި އަމަލެއްކަން އޭނާއަށް ތަސައްވުރު ކުރެވޭނެ ކަމަށާއި، ހެކިންގެ ހެކިބަހުން އޭނާ ހަމަލާދިނީ ރުޅިވެރިކަމާއެކުކަން އެނގޭ ކަމަށެވެ.

މި މައްސަލާގައި އާބިދުގެ ފަރާތުން އެއްވެސް ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ދައުލަތުން ހުށަހެޅި ގިނަ ހެކިންނަކީ އެ މަންޒަރު ދުށް ބިދޭސީ މުވައްޒަފުންނެވެ. ގާޒީ ފާހަގަކުރެއްވި ގޮތުގައި އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށް އާބިދު ބުނާ ވާހަކައަކީ ހަގީގަތާ ހިލާފަށް އޭނާ އަމިއްލައަށް އުފަންކޮށްފައިވާ ވާހަކަތަކެކެވެ.

ކޯޓުން މިހާރު ނިންމާފައިވަނީ މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށެވެ. ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ، އާބިދަށް މަރުގެ އަދަބު އިއްވާނެއެވެ. އެނޫން ހާލަތްތަކުގައި އަންނާނީ ޖަލު ހުކުމާއި މަރުގެ ދިޔަ ދިނުމުގެ އަދަބެވެ.