ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއަށް މިނިސްޓަރުކަން ލިބިވަޑައިގަތީ ތައުލީމީ ގާބިލް ބޭފުޅަކަށް ވުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ ގާސިމްގެ އަނބިމީހާ އަށް ވެގެން އެއްވެސް ވަޒީފާއެއް ދޭންޖެހޭ ގޮތަކަށް ގާނޫނެއް ވެސް އުސޫލެއްވެސް ނޯންނާނެ ކަމަށާއި އެހެންކަމުން ގާސިމްގެ އަނބިމީހާއަށް ވެގެން ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެ ކަމަށެވެ.
މިނިސްޓަރު ނަހުލާ އަކީ ތައުލީމީ ގާބިލު ބޭފުޅެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަހުލާއަށް މިނިސްޓަރުކަން ދެއްވީ އެކަން އެނގިވަޑައިގަންނަވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިފަދައިން ވިދާޅުވީ އެކަމަނާ އަށް މިނިސްޓަރުކަން ލިބިވަޑައިގަތީ ވަކި މީހެއްގެ އަނތްބަކަށް ވުމުން ނޫން ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވުމުން އެތައް ބައެއްގެ ފާޑުކިޔުން އެކަމަނާ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ގާސިމް ވިދާޅުވީ ނަހުލާއަކީ "ކަން ކުރެވޭނެ، ހިތްވަރު ހުރި، ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއްކަން" އޭނާ އަށް ޔަގީންވާ ކަމަށެވެ.
އިންތިހާބުތަކުގައި ނަހުލާ ކުރެއްވި ގިނަގުނަ މަސައްކަތާ އެކުގައި ރައްޔިތުން އެކަމަނާ ބަލައިގަތުމުން، ނަހުލާ އެދިވަޑައިގެންނެވި ވަޒީފާ ދެއްވުމަށް ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވީ އޭނާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ނަހުލާ ކުރެއްވި ދަތުރުތަކުގައާއި އެކި ސްޓޭޖުތަކުގައި ދައްކަވަމުން ގެންދިޔަ ވާހަކައިގައި ހުރި ހަރުދަނާކަމާއި، ކުރެއްވި ހިތްވަރާއި، އަހުލާގާއި، ތެދުވެރިކަން އެނގިވަޑައިގަތުމުން، އެކަމަނާ އަކީ މިނިސްޓަރުކަމަށް ގާބިލު ބޭފުޅެއްކަން ރައީސް ސޯލިހަށް އެނގިވަޑައިގެންނެވި ކަމަށެވެ.
"ވީމާ އައިޝާ އަށް އެ މަގާމް ރައީސް ދެއްވީ ވަކި މީހެއްގެ އަނތްބަކަށް ވެގެން ނޫންކަމަށް އައިޝާ ވިދާޅުވީމާ އެ ބަހުގައި ހިފައިގެން އެކޮޅަށް ދަމާ މިކޮޅަށް ދަމާ ހަދަމުން ތިޔަ ގެންދަނީ ހަމަ ހަޖަމް ނުކުރެވިގެންދޯ؟ އަދި ހުރި ދުޝްމިންކަމުން ނޫން ކޮން ކަމެއްބާ ތިޔައީ. ވީމާ ތިޔަ ގޮތަށް އެކަކާވެސް ދިމާކޮށް ކޮޅުކޮޅަށް ދެމުން ވަގުތު ހުއްޓާލެއްވުމަށް ނަސޭހަތްތެރިވަން،" ގާސިމް ވިދާޅުވި އެވެ.