މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ފިތިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ދޯނި ދޭތެރޭގައި މީހަކު ފިތިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 4:41 ގައި ކަމަށެވެ.

އެ މީހާ ފިތުމުން އިތުރު ފަރުވާއަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ ހާދިސާގައި މަރުވި ބ. ހިތާދޫ އަބްދުﷲ އަހުމަދު، 60 އަކީ މާލެ އިން މުދާ ބަރުކޮށްގެން އައްޑު އަށް ދަތުރުކުރި ސަޕްލައި ދޯންޏެއްގައި މަސައްކަތްކުރާ މީހެކެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އައްޑުއަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި މަޑުކުރީ މ. ތުވަރު ކައިރީގައި ކަމަށެވެ.

އެ ދޯންޏާއެކު، އިތުރު ދޯންޏެއް ވެސް ދަތުރުކުރަމުން ދިޔައިރު، ދެ ދޯނި އެ ތަނުގައި ބަންނަން އުޅެނިކޮށް، އަބްދުﷲ ދޯނިން ކަހާލައިގެން ވެއްޓި އަނިޔާވި ކަމުގެ ރިޕޯޓް ހޮސްޕިޓަލަށް ލިބުނީ ހަވީރު 5:15 ހާއިރު ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އަބްދުﷲ ގެ މޭމަތިން ތަނެއް މަށައިގެން ދިއުން ފިޔަވައި ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތެވެ. އެކަމަކު ހޮސްޕިިޓަލުން ހެދި އެކްސްރޭ އިން ދައްކާ ގޮތުގައި އަބްދުﷲ ގެ މޭމަތީގެ ގިނަ ކަށިތައް ހުރީ ބިނދިފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.