މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސްއިން އިއުލާންކޮށްފި އެވެ.

އެ ބިއުރޯއިން ބުނިގޮތުގައި ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވެ އެވެ. އެއީ މާލެ ސަރަހައްދަށް 2،409 މީހުންނާއި އަތޮޅުތަކަށް 1،991 މީހުންނެވެ.

ސްޓެޓިކްސް ބިއުރޯއިން ބުނީ މިހާތަނަށް ލިބިފައި ވަނީ މާލެ ސަރަހައްދަށް ބޭނުންވާ 583 މީހުންނާއި އަތޮޅުތަކަށް 1،422 މީހުން ކަމަށެވެ. އަދި މާލެ ސަރަހައްދަށް އިތުރަށް 1،826 މީހުންނާއި އަތޮޅުތަކަށް ބޭނުންވާ 269 މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބިއުރޯއިން ބުންޏެވެ.

އެ ބިއުރޯއިން ބުނީ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވެންސެއް ދޭއިރު އިތުރަށް 10ރ. ގެ އެލަވެންސެއް ވެސް ދޭނެ ކަމަށެވެ. އަދި މަސައްކަތަށް ނިކުންނަން ޖެހޭނީ 7-11 ދުވަހަށް ކަމަށާއި މީގެއިތުރުން ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއް ވެސް ދޭނެ ކަމަށް ވެސް ސްޓެޓިކްސް ބިއުރޯއިން ބުންޏެވެ.

އެ ތަމްރީނު ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 100ރ. ދޭނެ އެވެ. އަދި ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އޯގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސް ދޭން ހަމަޖެހިފައިވަނީ ތަމްރީނު ފުރިހަމަކޮށް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމަ އެވެ. މި މަސައްކަތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އެކަމަށް ހާއްސަކޮށްފައިވާ ލިންކަކުން އޮންލައިންކޮށް އެޕްލައިކުރެވޭނެ އެވެ.

ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 31 ގެ ނިޔަލަށެވެ.