ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.
ރައީސް ސޯލިހު މިއަދު ވެލާނާ އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެއާޕޯޓްގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފަ އެވެ.
އެގޮތުން މިޒިޔާރަތުގައި ވެލާނާ އެއާޕޯޓްގެ އައު ސީ ޕްލޭން ޓާމިނަލާއި ކާގޯ ޓާމިނަލާއި ފިއުލް ފާމާއި ފަޔާ ބިލްޑިންގގެ އިތުރުން އައު ޕަސެންޖަރު ޓާމިނަލަށް ވަޑައިގެން އެތަންތަނުގައި މިހާރު ކުރަމުން އަންނަ މަސައްކަތްތައް ވަނީ ބައްލަވާލައްވާފަ އެވެ.
ވެލާނާ އެއާޕޯޓްގއި އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ފަށާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.
ކުރީގެ ސަރުކާރުން ވެލާނާ އެއާޕޯޓުގައި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލަކާއި އާ ސީއައިޕީ ޓާމިނަލަކާއި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލަކާއި ކޯޑް އެފް ރަންވޭ އެއް ވެސް ވަނީ ހަދައިފަ އެވެ.
މިމަޝްރޫއުގެ ދަށުން ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެހެން 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ.