މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ނުދަނީ ސަރުކާރުން އެ މަޝްރޫއު ހުއްޓުވާފައި އޮތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ދިވެހި ޗެނަލްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައިވާ ހިތްފަސޭހަ މަގުމަތި އަމާޒު ހާސިލްކުރުމަށްޓަކައި މާލޭގެ މަގުތައް ހަދާ ރަނގަޅު ފެންވަރެއްގަ މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުދާ ކަމަށާއި، މަޝްރޫއު އޮތީ ސަރުކާރުން ހުއްޓުވާފައި ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

އެގޮތުން އެ މަޝްރޫއުއަކީ ސަރުކާރުން ބަޖެޓް ދެއްވާފައިވާ މަޝްރޫއުއެއް ނަމަވެސް މިދިޔަ ނޮމެވްބަރު މަހުން ފެށިގެން މަގުހެދުމުގެ އެއްވެސް އަމަލީ މަސައްކަތެއް މިއަދާ ހަމަޔަށް އައިއިރުވެސް ނުހިނގާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސެޕްގައި އޮތްގޮތުން ހިތްފަސޭހަ މަގުމަތި އެ އަމާޒު ހާސިލް ކުރުމުގަ ކަނޑަ އަޅާފަ އޮންނާނީ މާލޭގެ މަގުތައް ހަދާ ރަނގަޅު ފެންވަރެއްގަ މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް. ދެން ކުރީގެ ފެށިފައި އޮތް މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފަ އޮންނާނީ. އެ މަޝްރޫޢު އަކީ ސަރުކާރުން ބަޖެޓްވެސް ހަމަޖައްސާފަ އޮތް މަޝްރޫޢުއެއް. އެހެން ނަމަވެސް އެ މަޝްރޫޢު މިއޮތީ ހުއްޓުވާފަ ނުހިނގާ،" މޭޔަރު ވިދާޅުވި އެވެ.

މިދިޔަ ނޮމެވްބަރު މަހުން މިއަދާ ހަމަޔަށް އައި އިރުގަވެސް މަގުހެދުމުގެ މަސައްކަތް ހުއްޓުވާފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ ބޭރުފުށުން ބަލާއިރު ފެންނަން އޮތީ ކައުންސިލްގެ ނާކާމިޔާބީއެއްގެ ގޮތުގައި ކަމަށާއި، ފެންނަން އޮތީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ނުދާކަން ކަމަށެވެ. އެހެން ނަމަވެސް ކަމުގެ ހަގީގަތަކީ މިކަމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ދެއްވާފައި ނުވުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެންމެގިނައިން ޝަކުވާ އަންނަމުންދާ އެއް މައްސަލަ ކަމަށްވާ އަމީނީމަގު ހެދުމުގެ މަޝްރޫއު އާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ނުހުއްޓުވި ނަމަ އަމީނީމަގު އޮންނާނީ ފަސް މަހުގެ ތެރޭގައި ތާރު އަޅާ ނިމިފައި ކަމަށެވެ.

އެހެން ނަމަވެސް މިކަމުގައި ދަތިތަކެއް ދިމާވަނީ ސަރުކާރުން ދެއްވޭނެ އެއްބާރުލެއްވުން ނުދެއްވުމުގެ ސަބަބުން ކަމުގައި މޭޔަރު ތަކުރާރު ކުރެއްވި އެވެ.

މި ދައުރަށް އެއް އަހަރު ވީއިރު ހުރި ގޮންޖެހުންތަކާއި،ކުރިމަތި ކުރުވާފަހުރި ބައެއް ދަތިތަކަށް ބަލާއިރުގައި ނިސްބަތުން ގިނަ ކަންކަން ވަނީ ހާސިލްކުރެވިފައި ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އަދިވެސް ބައެއް ކަންކަން ހާސިލް ނުވާކަން މޭޔަރު ފާހަގަ ކުރެއްވި އެވެ.