ގާނޫނުތައް ހެދެންވީ ރައްޔިތުން ކުށްވެރިވާ ގޮތަކަށް ނޫން ކަމަށާއި ގާނޫނު ހެދެންވީ ރައްޔިތުންގެ ހިމާޔަތުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ހުންނަގޮތުން އެ މީހަކަށް ނޭނގި އެ މީހެއްގެ އެކައުންޓަށް ފައިސާ ވަދެފިނަމަ ކުށްވެރިވެގެން ކޮންމެ ދުވަހަކު ދެ ފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރުވާންޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހެދިފައިވާ ގާނޫނުތައް ބޭނުންހައި ގޮތަކަށް ބޭނުންކުރުމުގެ ޖާގަ ވެސް ދެވިގެންނުވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ މުޅި ގާނޫނީ ވެށި ބަދަލުވެފައި ބިނާވެފައި މި އޮތީ އަދަބު ދިނުމަށް އުގޫބާތުގެ މައްޗަށް. މިއެއް ނޫން ގާނޫނު ހުންނަންވީ ސަބަބަކީ. ގާނޫނު ހުންނަންވީ ކަންކަން ފަހިކޮށްދޭން. ގާނޫނު ހުންނަންވީ މީހުންގެ މުދަލާއި މީހުންގެ ފައިސާ އާއި މިކަހަލަ މުއާމަލާތްތައް ރައްކާތެރިކޮށްދޭން،" ޔާމީން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ޔާމީން ވަނީ އާދައިގެ ކުށެއްގައި ތަހުގީގަށް ހައްޔަރުކުރާތީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ދެ ދުވަހުން އެއް ދުވަހު ހައްޔަރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިސްމާއީލަށް ކުށެއްގެ ތުހުމަތު ކުރެވޭނަމަ ޝަރީއަތްކޮށް ހުކުމް އިއްވަންވީ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިންޓެލް ރިޕޯޓްގެ މައްޗަށް ބިނާކޮށް ވެސް ފުލުހުން މީހުން ހައްޔަރުކުރާ ކަމަށާއި އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ ރިސޯޓް ތަރައްގީކުރަން ރަށްތައް ދޫކޮށްފައިވާތާ 14 އަހަރުވެފައިވާ މީހުންގެ އަތުން އެ ރަށްތައް އަތުލަން މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އެފަދަ މީހުން އެރަށްތައް ތަރައްގީކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.