މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނަސް" ނަމުގައި މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ރޭ އެޕާޓީން "ރައްޔިތުންގެ އުދާސް" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްއެންޕީން އެ ޖަލްސާ ބޭއްވީ ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް، އޭގެ އެންމެ އެދެވޭ ގޮތަށް ފުރިހަމަ ކަމާއި އެކު ތަންފީޒުކުރުމަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެމްއެންޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޕާޓީގެ ރައީސް ކަމަށްވާ ނާޒިމް ވަނީ ވިހި ތިރީސް އަހަރު ގައުމަށް ހިދުމަތް ކުރެއްވެވި ބޭފުޅުންނަށް އަގު ވަޒަން ކުރުމަށް ހިތްވަރު ނެތުމަކީ ދައުލަތް ލަދުގަންނަން ޖެހޭ ކަމެއް ކަމުގައި ފާހަގަ ކުރައްވާފަ އެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވަނީ މެމްބަރުންނަށް ދޭން ކަނޑައަޅާފައިވާ އިނާޔަތްތައް އުވާލުމަށްވެސް ގޮވާލައްވާފަ އެވެ. އެގޮތުން މެމްބަރުންނަށް ބޮޑު މުސާރަ ދިނަސް، އެ މުސާރަ ނަންގަވައިގެން އެބޭފުޅުން ކުރައްވާ އެއްވެސް ކަމެއް ނެތްކަމަަށް އޭނާ ވިދާޅުވެފައިވެ އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، އެޕާޓީގެ ވެރިކަމެއްގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން އުފާވެރިކަމުގެ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެެއްވިއްޔާ 'މިނިސްޓްރީ އޮފް ހެޕިނަސް' އަޅުގަނޑުމެން އުފައްދާނަން. އުފާވެރިކަމާއެކީގައި ތިބެވޭނެ ގޮތަކަށް މިނިސްޓްރީއެއް އުފައްދައިގެން އިސްރަށްވެހިން އެކީގައި އެމީހުންނާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. އެހެންވީމަ މިއީ އުންމީދީ ޕާޓީއަކީ،" ނާޒިމް ވިދާޅުވި އެވެ.