އަކްޝޭ ކުމާރާއި ޝިލްޕާ ޝެޓީއަކީ ބޮލީވުޑްގެ ތާރީހުގައި މުހިންމު ރޯލުތަކެއް އަދާކޮށްދިން އަދި ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓު ލިބިފައިވާ މަޝްހޫރު ދެ ތަރިންނެވެ.

ދެ މީހުން އެކީގައި ކާމިޔާބު ފިލްމުތަކަކާއި ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާއިރު، ދެ ފަންނާނުންގެ ޖޯޑަކީ ވެސް ބެލުންތެރިންގެ މަގުބޫލުކަން ލިބިފައިވާ ޖޯޑެކެވެ. ހަމައެހެންމެ އެދެފަންނާނުން އެކީގައި ފެނުމަކީ ބެލުންތެރިންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއްކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

ނަމަވެސް ބެލުންތެރިންގެ އެ އެދުމަކީ، ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ސަބަބަކީ އަކްޝޭއާ އެކު ދުވަހަކު ވެސް މަސައްކަތް ނުކުރާނެ ކަމަށް ޝިލްޕާ ބުނެފައިވާތީ އެވެ. ޝިލްޕާގެ އެ ޖަވާބާ އެކު ސަޕޯޓަރުން ބޭނުންވީ އޭގެ ފަހަތުގައިވާ ހަގީގަތް ބަލާ ހޯދުމަށެވެ. އަދި ސަޕޯޓަރުންގެ އެދުމަށް ޝިލްޕާ ވަނީ އޭގެ ފަހަތުގައިވާ ސިއްރު ކިޔައިދީފަ އެވެ.

ޝިލްޕާ ބުނިގޮތުގައި އެދެމީހުން އެކީގައި ކުޅުނު ފިލްމެއްގެ ޝޫޓިންގެ ތެރެއިން ދެމީހުންނަށް ވެސް ގަޔާވެވުނެވެ. އަދި ގިނަ ދުވަސްތަކެއް ނުވެ ދެފަންނާނުން ވެސް ލޯބީގެ ގޮތުން ގުޅުނު ކަމަށް އޭނާ ބުނެފައިވެ އެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އަކްޝޭ މަޑުމަޑުން ދުރުވަމުން ދިޔަ ކަމަށާއި، އޭނާއާ ލޯބީގެ ގޮތުން ގުޅި ހުރެ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅުނު ކަމަށް އޭނާ ބުނެފައިވެ އެވެ.

ޝިލްޕާއާ ލޯބީގެ ގޮތުން ގުޅިހުރެ އަކްޝޭ ގުޅުނީ އޭނާގެ މިހާރުގެ އަންހެނުން ޓްވިންކަލް ކަންނާއާ ކަމަށް ޝިލްޕާ ބުނެފައިވެ އެވެ.

ހަމައެހެންމެ އަކްޝޭ ވަނީ ޝިލްޕާގެ ވަފާތެރިކަމުގެ ނާޖާއިޒް ފައިދާ ނަގައި އޭނާގެ ބޭނުން ކޮށްފައިކަމަށް ޝިލްޕާ ތުހުމަތުކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން އޭނާއަށް ވޭންހުރި ދުވަސްތަކެއް ކުރިމަތިލާން ޖެހުނު ކަމަށާއި، އެކަމަށްޓަކައި ދުވަހަކުވެސް އަކްޝޭއާއެކު މަސައްކަތް ނުކުރަން ނިންމިކަމަށް ޝިލްޕާ ބުނެފައިވެ އެވެ.

މިކަމަށް ގިނަ އަހަރުތަކެއް ފާއިތުވެފައިވާއިރު، ދާދި ފަހުން އެދުވަސްވަރާ ގުޅިގެން ދިން އިންޓަވިއުއެއްގައި ޝިލްޕާ ބުނީ، އޭނާ މިހާރު އެ ހަނދާންތަކުން ދުރަށް ދެވިފައިވާ ކަމަށެވެ. އަދި އަކްޝޭއަށް ވެސް މިހާރު އެކަންތައްތައް ހަނދާނެއް ނުހުންނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.