ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ހަރުގެއެއް އެޅުމަށް ނިންމައިފި އެވެ.
ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ހަރުގެއެއް އެޅުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 55 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ހަރުގެ ހެދުމަށް ނިންމާފައިވަނީ ވިލިމާލޭގެ ވެމްކޯ ސަރަހައްދުގައި ކަމަށެވެ.
މި ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޕްލޭނިންގް މިނިސްޓްރީން އެސަރަހައްދަށް ފައިބަރު މަސައްކަތް ކުރުން ބަދަލުކޮށް ދެއްވުމަށް މާލެ ސިޓީ ކައުންސިލުގައި އެދުމާ ގުޅިގެންނެވެ.
މިއީ ޕްލޭނިންގް މިނިސްޓްރީގެ އެދުމުގެ މަތިން ފައިބަރު މަސައްކަތް ކުރާތަން ބަދަލު ކުރުމަށް ނިންމި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. މި ހަރުގެއަކީ ކުލި ނެގޭ ގޮތަށް އެޅުމަށް ނިންމާފައިވާ ހަރުގެއެކެވެ.
ފައިބަރު މަސައްކަތް ކުރުމަށް ހަރުގެއެއް އެޅުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީއަށް މިކަމުގައި ދާއިމީ ހައްލެއް ހޯދައިދިނުމަށް ދެންނެވުމަށްފަހު ހައްލެއް ލިބެންދެން ވަގުތީގޮތުން ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި ވަނީ ދަންނަވާފަ އެވެ.
ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހޯދައިދިނުމަށް ސަރުކާރަށް ދަންނަވަން މާލެ ސިޓީ ކައުންސިލުން ނިންމައިފައިވަނީ ފައިބަރު މަސައްކަތަކީ މީހުން ދިރިއުޅޭ ރަށެއްގައި ކުރުމަށް ރަނގަޅު މަސައްކަތަކަށް ނުވުމާއި މިހާރު އެ މަސައްކަތްކުރަމުން އަންނަ ވިލިމާލޭގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އެކިއެކި ޖަމްއިއްޔާތަކުން އެކަމާ ކަންބޮޑުވުން ހިއްސާކުރުމާ ގުޅިގެންނެވެ.