އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަނަކާއެކު ނުމުކުމެ ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން. އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއި އެކީގައި އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބް ކުރެވޭނެކަން," ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
މުޅި ރާއްޖެއަށް ވެސް އެންމެ ފައިދާ ހުރިގޮތަކީ އެމްޑީޕީ އަނެއްކާވެސް ވެރިކަމަށް އައުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގެ. އެމްޑީޕީއަށް ވެރިކަން ބޭނުންވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް," ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބާއްވަން ޖެހޭކަން ވެސް އަދި ބާއްވަން ނުޖެހޭކަން ވެސް ނިންމާނީ އެ ޕާޓީގެ ކޮންގްރެސްއިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.