ކުލަގަދަކޮށް ފާހަގަކުރި ކައިވެންޏަށް ފަހުވެސް ބޮލީވުޑްގެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރް އަދި އާލިޔާ ބަޓް ކައިވެނި ކުރިކަމުގެ އިހުސާސް ނުވާކަމަށް ރަންބީރު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ އޭނާއާ އާލިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 5 އަހަރު ވެފައިވާކަމަށް ބުނެފަ އެވެ. އަދި ކައިވެނި ވީތާ ދެވަނައަށްވީ ދުވަހު އާލިޔާ އޭނާގެ ފިލްމުގެ ޝޫޓިންއަށް ލަންޑަނަށް ފުރި ކަމަށާއި، އޭނާވެސް މަސައްކަތުގެ އެކި ކަންކަމުގައި މަސްއޫލުވެގެން އުޅޭކަމަށް ރަންބީރު ބުނެފައިވެ އެވެ.

ރަންބީރު ބުނީ، އެހެން ކަމުން ކައިވެނި ވެވުނު ކަމުގެ މާބޮޑު އިހުސާސެއް ވެފައި ނުވާކަމަށެވެ. އެހެންނަމަވެސް ދެމީހުންގެ މަސައްކަތް ނިމުމަށް ފަހު އެކީގައި ވަގުތު ހޭދަކުރުމަށް ހަފްތާއެއްގެ ޗުއްޓީނަގަން އެދެމަފިރިން ހިޔާލުކުރާކަމަށް ރަންބީރު ބުނެފައިވެ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އަދި އެ ދެ ފަންނާނުންގެ ކައިވެންނި ބާއްވާފައިވަނީ މަދު ބަޔަކަށް ދައުވަތުދީގެންނެވެ.

ދެ ތަރިންގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރަމާސްތުރާއިން އެކުގަ އެވެ.