ހުޅުމާލެ ދެވަނަ ފިޔަވަހީގައި 70،000 މީހުންގެ އާބާދީއަކަށް ދޭންވާ ހިދުމަތްތައް ގާއިމް ކުރެވޭނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ޚިދުމަތުގެ ތެރެއިން އެމްޓީސީސީގެ އާރުޓީލްގެ ބަހުގެ ޚިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ހުޅުމާލޭ ފޭސް 2 އަކީ ގާތްގަނޑަކަށް 10،000 އާއި 15،000 އާއި ދެމެދުގެ ރައްޔިތުން މިހާރު ވެސް ދިރިއުޅެމުންދާ ތަނެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އެކީގައި މީހުން އާބާދުވެ ދިރިއުޅެން ފަށާއިރު އެ ތަނުގައި ގާތްގަނޑަކަށް 40،000 މީހުން ދިރިއުޅެމުންދާނެ ކަމަށެވެ. އަދި މި ސަރުކާރުން ހުޅުމާލޭ ފޭސް 2ގައި އަޅަން ނިންމާފައި އޮތް ފްލެޓްތަކުގެ ތެރެއިން މިހާރު ކުރިއަށް ގެންދާ 4،000 ފްލެޓާއި، އޭގެ އިތުރުން 2،000 ފްލެޓާއެކު، ޖުމުލަ 6،000 ފްލެޓާއި، 1،000 ގޯތި ދިނުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މިއާއެކު ހުޅުމާލޭ ފޭސް 2 ގައި 70،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށާއި އޭރަށް ވާއިރަށް ދޭންވާ ޚިދުމަތްތައް ވަރަށް ބޮޑުތަނުން ފުޅާވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމު މިއަށްވުރެ ވެސް ހަރުދަނާ ކުރަންޖެހޭނެ ކަމަށާއި ސިއްހީ ހިދުމަތް މިއަށްވުރެ ފަސޭހައިން ލިބޭނެގޮތް ވާންޖެހޭނެ ކަމަށެވެ. އަދި ސްކޫލްތައް ގިނަކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ފްލެޓްތައް ހެދިގެންދިޔައިރު، ކުރިމަތިވެފައި އޮތް އެންމެ އުނދަގޫ އެއް މައްސަލައަކީ މިތާ ދިރިއުޅޭ ރައްޔިތުންގެ ދުއްވާތަކެތި، ކާރާއި ސައިކަލާއި އަދި އެނޫންވެސް ތަކެތި ޕާކްކުރާނެ ތަނެއް ޕްލޭން ކުރެވިފައި ނެތްކަން. އަޅުގަނޑު ހިތުން އެޗްޑީސީއިން މިކަމަށް ހައްލެއް އެބަ ހޯދައިދޭން ޖެހޭ. ޕްލޭންގައި ނެތް ކަމަށްވަންޏާ، ޕްލޭންގެ ތެރޭގައި އެބައި އިތުރުކޮށް، އެ ފަސޭހަ ވެސް މިތާ ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދޭން އެބަޖެހޭ،" ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށިފަހުން ފުރަތަމަ ފަހަރަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 2 ތަރައްގީކުރުމުގައި އަދިވެސް ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް، ހިތްފަސޭހަކަމާ އެކީގައި ބީޗް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ސްވިމިން ޓްރެކަކާއި، ހަޓްތަކާއި، އަދި ޕަބްލިކް ޓޮއިލެޓާއި، އާއިލާއާ އެކީގައި ގޮސް، ގޮނޑުދޮށުގައި ހަމަޖެހިލައިގެން ތިބެ ޗުއްޓީ ހޭދަކޮށްލެވޭނެ އިންތިޒާމުތަކެއް ރާވަމުންގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ހުޅުމާލޭ ފޭސް 2 ގައި މިހާރު ދިރިއުޅެމުންދާ ރައްޔިތުންނަށް އަދި އަންނަން ތިބި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކާއި އުފަލަކަށް ވެގެންދާނެ ކަމަށެވެ.