ޒުވާން ތަރި، ކާތިކް އާރިޔަން ލީޑުން ރޯލުން ފެނިގެންދިޔަ "ބޫލް ބުލައްޔާ 2" ގެ ކާމިޔާބީ އާއި ގުޅިގެން އެފިލްމުގެ ޕްރޮޑިއުސަރު ޓީ-ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ކާތިކްއަށް އަގު ބޮޑު ކާރެއް ހަދިޔާކޮށްފި އެވެ.
"ބޫލް ބުލައްޔާ 2" އަކީ ކާތިކްގެ އިތުރުން ކިއާރާ އާއި ތާބޫ އަދި ރާޖްޕަލް ފެންނަ ފިލްމެކެވެ. އެ ފިލްމު އެޅުވި ދުވަހު ފެށިގެން ބޮކްސް އޮފީހުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.
ބޮލީވުޑްގެ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭ ދުވަސްވަރެއްގައި އެޅުވި އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. މި ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ވަނީ ކާތިކްއަށް އަގު ބޮޑު ކާރެއް ހަދިޔާ ކޮށްފަ އެވެ. އެއީ އިންޑިއާގެ ފުރަތަމަ މެކްލަރެން ކާރުކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
ބުޝަން ކުމާރުގެ ފަރާތުން ހަދިޔާ އެއް ލިބުމާއި ގުޅިގެން އެކަމާ އުފާކުރާ ކަމަށް ކާތިކް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ބުޝަން ކުމާރު ބުނެފައިވަނީ މިހަދިޔާ ކާތިކް އަށް ދިނީ އޭނާގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ކާތިކް އަކީ ހުނަރުވެރި އެކްޓަރެއް ކަމަށާއި މަސައްކަތްތައް ފަރުވާ ބަހައްޓާ ފަންނާނެ ކަމަށްވެސް ބުޝަން ކުމާރު ބުންޏެވެ.
"މި ސްޕޯޓްސް ކާރަކީ އޭނާގެ ބުރަ މަސައްކަތާއި ގްރިޓްގެ އަގުވަޒަން ކުރުމުގެ ނިޝާނެއް،" ބުޝަން ކުމާރް ބުންޏެވެ.
މެކްލަރެން ޖީޓީ ކާރުގެ އިތުރުން ކާތިކް އަތުގައި މިހާރު ބީއެމްޑަބްލިއު 5 ސީރީޒް އާއި މިނީ ކޫޕާ އެސް ކޮންވާޓަބަލް އާއި ޕޯޝް 718 ބޮކްސްޓާ އަދި އޭނާ އެންމެ ގަޔާވާ – ލަމްބޮރްގީނީ އުރަސް ކެޕްސޫލް އެޑިޝަން ކާރެ ވެސް އެބައޮތެވެ.
"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން ބޮލީބުޑަށް 2018 ވަނަ އަހަރު ކާތިކް ނިކުތުމަށްފަހު އަންނަނީ ކާމިޔާބު އެތަކެއް ފިލްމެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދެމުންނެވެ. ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު "ޝެހްޒާދާ" އާއި "ފްރެޑީ" ކުރިއަށް އެބައޮތެވެ.