ރައްޔިތުންގެ މަޖިލީހުގެ މިއަދުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބާއްވާނެކަން އިއުލާނު ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލިސް ގަވައިދު ބުނާ ގޮތަށް މަޖިލީހުގެ ދައުރު ނިމޭ ޖަލްސާ ހޯމަ ނުވަތަ ބުރާސްފަތި ދުވަހަކަށް ވާން ޖެހެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމުގެ ބަދަލުގައި މި ހަފްތާ ބުރާސްފަތީގައި ބާއްވާނެ ކަމަށެވެ.
"އެހެންވީމާ އިއްޒަތްތެރި މެމްބަރުން މާދަމާ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި އިށީނދެ ވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މިދައުރުގައި ސަރުކާރުން ހުށަހެޅި ބައެއް މުހިންމު ބިލްތަކުގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ. އަދި، ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލު އަދި ގާނޫލްއުގޫބާތަށް އިސްލާޙް ގެނައުމުގެ ބިލު ވެސް ހިމެނެ އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.
މަޖިލިސް ދެން ފަށާނީ އަންނަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. އަދި މަޖިލީހުގެ ތިން ވަނަ ދައުރު ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.