ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމީ އެވޯޑް ކަމަށްވާ އޮސްކާ އެވޯޑުން ދިނުމަށްޓަކައި އެކުލަވާލި ކޮމެޓީގައި ބޮލީވުޑްގެ ބައެއް ތަރިން ހިމެނިއްޖެ އެވެ.

މިއަހަރުގެ އެވޯޑު ހަފްލާއަށް ތައްޔާރުވަމުން އަންނައިރު އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ، އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން ވަނީ 397 މެމްބަރުންގެ މައްޗަށް ހިމެނޭ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އެގޮތުން މިކޮމެޓީގައި ބޮލީވުޑްގެ ބައެއް ފަންނާނުންވެސް ހިމެނެ އެވެ.

އެގޮތުން ކޮމެޓީގައި ހިމެނޭ އިންޑިއާގެ ފަންނާނުންގެ ތެރޭގައި މަޝްހޫރު ބަތަލާ ކާޖޮލް އާއި މަޝްހޫރު ތަމަޅަ އެކްޓަރ ސޫރިއާ އާއި ޑައިރެކްޓަރ ސުޝްމިތު ގޯޝް އާއި ޑައިރެކްޓަރުން އަދި ސްކްރީން ރައިޓަރުންގެ ގޮތުގައި މަސައްކަތްކުރާ ރީމާ ކަތުގީ އާއި ރިންތޫ ތޯމަސް ހިމެނެ އެވެ.

އިންޑިއާ ފަންނާނުންގެ އިތުރުން އެކެޑެމީން ފުރުޞަތު ލިބުނު ދުނިޔޭގެ މަޝްހޫރު ތަރިންގެ ތެރޭގައި "ދަ ކްއީން ގޭމްބިޓް"ގެ ތަރި އަންޔާ ޓެއިލާ، ޖޯއީ، ބިލީ އެއިލިޝް، ޖެމީ ޑޮނެން އަދި ޓްރޯއީ ކޮތުސޫރު ހިމެނެ އެވެ.

އެކަޑަމީގެ މެމްބަރުންގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރި އިންޑިއާގެ ފަންނާނުންގެ ތެރޭގައި ޝާހްރުކް ހާން، މަދޫރީ ޑިކްސިޓް، ނަސީރުއްދީން ޝާހް، އަނިލް ކަޕޫރް، އަލީ ފަޒަލް، އަދިތިޔާ ޗޯޕްޅާ، މަދާބީ މުކަރްޖީ، އާލިއާ ބަޓް އަދި ރިތިކް ރޯޝަން ހިނެ އެވެ.

އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑު ޙަފްލާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރު މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. މި ޙަފްލާ ބާއްވާނީ ލޮސް އެންޖަލިސްގައި ހުންނަ ޑޮލްބީ ތިއޭޓަރުގަ އެވެ.