އީރާންގެ އިސް ނިއުކްލިއާ ސައިންޓިސްޓް، މުހުސިން ފަޚްރިޒާދޭ މަރާލައިފި އެވެ. އޭނާ އަކީ، އިޒްރޭލުން ބުނާ ގޮތުގައި، އީރާނުން ސިރިއްޔާތުގައި ހިންގި މިލިޓަރީ ނިއުކްލިއާ ޕްރޮގްރާމްގެ މޭސްތިރިޔާ އެވެ. މި ޕްރޮގްރާމް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

"ނިރުބަވެރިން މިއަދު އެ މަރާލީ ގަދަރުވެރިއެއް – އިހްތިރާމް ލިބިގެންވާ ސައިންސްވެރިއެއް"، އީރާންގެ ޚާރިޖީ ވަޒީރު، ޖަވާދު ޒަރީފް ޓްވިޓާގައި ވިދާޅުވި އެވެ. " ދުނިޔެ މި ދެކެނީ ނިރުބަވެރިންގެ ޖެހިލުންކުޑަ ފިނޑި އަމަލުތައް."

އޭނާ ވިދާޅުވި ގޮތުގައި ހަމަލާގެ ފަހަތުގައި ވަނީ އިޒްރޭލާއި އެމެރިކާ އެވެ.

ފަޚްރިޒާދޭ އަކީ އިޒްރޭލުގެ "ވޯންޑެޓް" ލިސްޓްގައި އޮތް ނަމެކެވެ. ނޫސްވެރިންނަށް މުޚާތަބުކުރައްވައި، އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ – ދުވަސްތަކެއް ކުރިން ދެއްވި ޕްރެޒެންޓޭޝަނެއްގައި، ފަޚްރިޒާދޭގެ ނަން ތަކުރާރުކުރެއްވި އެވެ. އަދި މުހުސިން ފަޚްރިޒާދޭ އަކީ ހަނދާން ނައްތާލައިގެން ވާނެ ނަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އީރާންގައި، ތެހެރާން އާ 40 މޭލު ދުރުގައި، ނިރުބަވެރިން ހަމަލާދިނީ ފަޚްރިޒާދޭ ދަތުރުކުރެއްވި ކާރަކަށް ކަމަށް ބުނެވެ އެވެ. މެޝިން ބަޑިން ހަމަލާ ދިނުމަށް ފަހު އެއްޗެއް ގޮއްވާލި ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ.

މުހުސިން ފަޚްރިޒާދޭ މަރާލާފައި މި ވަނީ ދުނިޔޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާ ދުވަސްވަރެއްގަ އެވެ. އެމެރިކާގައި، ޓްރަމްޕް އަށް ސަރުކާރު ހިންގުމުގެ ފުރުސަތު ގެއްލި، އާ ރައީސަކު – ޖޯ ބައިޑަން ގައުމާ ހަވާލުވާން ކުޑަތަންވެފައި ވަނިކޮށެވެ.

އިޒްރޭލަށް، ފާއިތުވި ހަތަރު އަހަރަކީ އެމެރިކާގެ މަސްރަހު ފަސޭހަ ދުވަސްތަކެކެވެ. އިޒްރޭލް އެދޭހާ ގޮތެއް ހެއްދެވުމަށް ޓްރަމްޕް ހުންނެވީ ހޭވައްލާ ތައްޔާރުގަ އެވެ. އެހެން ނަމަވެސް، ބައިޑަން އަކީ އިޒްރޭލް އެދޭހާ ގޮތެއް ހައްދަވާނެ ރައިސަކަށް ނުވާނެ ކަމަށް ބުނެވެ އެވެ. އިރާން އާ އެކު ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން ޓްރަމްޕް އުވާލެއްވި ނަމަވެސް، އެ އެއްބަސްވުން ބައިޑަން ސަރުކާރުން އިއާދަކުރައްވަފާނެތީ އިޒްރޭލުން މިހާރު ވެސް ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ކުސްތަޅަމުންނެވެ.

މުހުސިން ފަޚްރިޒާދޭ މަރާލީ އެމެރިކާ އާ އެކު ނިއުކްލިއާ އެއްބަސްވުމަކަށް އީރާން ދިޔަނުދިނުމަށެވެ.