ކުރިއަށް އޮތް އަޟްހާ އީދާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އާންމުންނާއި މުހާތަބުކޮށް، ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ވަނީ އީދުގެ މި މުނާސަބާގައި އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށްކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން މިފަދަ ކޮންމެ މުނާސަބަތަކީ، އެތައް ޢިބްރަތްތަކެއް ލިބިގަނެ، ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރުމަށް އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ފުރުޞަތެއްކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކުން، އިލްހާމް ލިބިގަންނަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ނަފްސު ޠާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި، އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި، ދަތިތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަކީ ޙައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ހަމައެހެންމެ، މިއީ، މިއަދު މުޖުތަމައުގައި ކުރިމަތިވެފައިވާ ޤައުމީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އާލާކުރަންޖެހިފައިވާ ކަންކަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޢީދުގެ އުފާ ފާޅުކުރާއިރު، އެކަކު އަނެކަކަށް އެހީތެރިވެ ޢީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުޢާކުރުމަކީ، ހިތްތަކުގައިވާ ޙަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށެވެ. އަދި ޢީދުގެ އުފާވެރިކަން އާންމުންގެ މެދުގައި ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމަށް، ރައީސް އިލްތިމާސްކުރައްވާފައިވެ އެވެ.