ދިވެހިރާއްޖޭގެ އާބާދީއާއި އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތަފުސީލުތައް އެއްކުރާ ބޯހިމެނުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުގައި ފަށާނެ ކަން ހާމަކޮށްފި އެވެ.

ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން މީގެ ކުރިން ނިންމާފައި ވަނީ މަސައްކަތް ފަށާނީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް އެ އިދާރާ އިން ހާމަކުރެ އެވެ.

ބޯހިމެނުމުގެ މަސައްކަތުގައި 4،400 މީހުން ހަރަކާތްތެރިވާނެ އެވެ. އެއީ މާލެ ސަރަހައްދުގެ ބޯހިމެނުމުގައި ހަރަކާތްތެރިވާ 2،409 މީހުންނާއި އަތޮޅުތެރޭގައި ބޯހިމެނުމުގައި ހަރަކާތްތެރިވާ 1،991 މީހުންނެވެ.

ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށްގެންދަނީ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނީ 13 ސެޕްޓެންބަރުން ފެށިގެން 25 ސެޕްޓެންބަރަށެވެ.

އާބާދީ ބޮޑެތި ރަށް ރަށުގައި ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސެޕްޓެންބަރު 13 އިން އެ މަހުގެ 15 އަށް ކުރިއަށްގެންދާއިރު ބޯހިމެނުމުގެ އަމަލީ މަސައްކަތް އެ ރަށްރަށުގައި ކުރިއަށް ގެންދާނީ ސެޕްޓެންބަރު 17 އިން 22 ވަނަ ދުވަހަށެވެ. އަދި ކުރި ރަށްތަކުގައި ބޯހިމެނުމުގެ މައުލޫމާތު އެއްކުރާނީ ސެޕްޓެންބަރު 13 އިން 15 އަށެވެ. އަމަލީ މަސައްކަތްކުރާނީ 12 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް ތަފާސްހިސާބާ ބެހޭ އިދާރާއިން ބުނެ އެވެ.