ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ޖެޓް ފިއުލް ވިއްކުން މިިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ކޮންޓްރޯލްކޮށްފައި ވަނިކޮށް ޖެޓް ފިއުލް ޝިޕްމަންޓެއް މިއަދު ލިބިއްޖެ އެވެ.
ރާއްޖެ އަންނަ އެއާލައިންތަކަށް ތެޔޮ ވިއްކާ މިންވަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ލިމިޓްކުރީ ތެޔޮ ޝިޕްމަންޓު ގެނައުން ލަސްވެގެންނެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ ޖެޓް ފިއުލް ޝިޕްމަންޓް މިހާރު އެ ކުންފުނީގެ ތެޔޮ ތާނގީތަކަށް އަޅަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ތެޔޮ ވިއްކުމުގައި ގެންގުޅުނު ކޮންޓްރޯލް ދޫކޮށްލި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ވީއައިއޭއަށް ތެޔޮ ސަޕްލައިކުރާ އެސްޓީއޯގެ އޮފިޝަލަކު ވެސް ވިދާޅުވީ ދަތިކަމެއް ނެތި މެނޭޖްކުރޭ ވަރަށް މަތިންދާބޯޓަށް އަޅާ ތެޔޮ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ މިންވަރެއްގެ ޝިޕްމަންޓެއް ކަމެއް އެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
"ދަތިކަމެއް ނެތި މެނޭޖްކުރެވޭނެ މިހާރު ހުންނާނެ ތެޔޮ ގެނެސްފައި. ޝިޕްމަންޓް އައުމާއެކު މިއަދު އަޅަން ފަށާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް އިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މި ދުވަސްވަރު ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވެ މާލެއިން ސްރީލަންކާއަށް ދަތުރުކުރާ ބޯޓުތަކުން ވެސް ތެޔޮ އަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ އެ ކުންފުނިން ތެޔޮ ދޫކުރަނީ އެ މަންޒިލަކަށް ދެވޭ މިންވަރަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނީގެ ފިއުލް ކެޕޭސިޓީއަކީ މިވަގުތު 13 މިލިއަން ލީޓަރެވެ.