ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑްގެ ތަރި، ސުޝްމިތާ ސެން އާއި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރު ލަލިތް މޯދީ ރައްޓެހިވެގެން އުޅޭކަން އިއުލާނުކޮށްފި އެވެ.

އުމުރުން 46 އަހަރުގެ ސުޝްމީތާ އާއި އުމުރުން 56 އަހަރުގެ ލަލިތް ރައްޓެހިވެގެން އުޅޭކަން އިއުލާނުކޮށްފައިވަނީ ލަލިތް ކޮށްފައިވާ ޓްވީޓެއްގަ އެވެ.

މި ޓުވީޓްގައި ލަލިތް ވަނީ ސުޝްމިތާ އާއި އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި، އެންމެ ކުރިން އެ ދެމީހުން އެކި ހަފްލާތަކުން ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. އަދި އެހެން ޕޯސްޓެއްގައި ލަލިތް ބުނެފައިވަނީ ސުޝްމިތާއާ އަދި ކައިވެނިނުކުރާ ކަމަށާއި ދެ މީހުން އަދި އުޅެނީ ޑޭޓްކުރުމުގައި ކަމަށް ބުނެފައިވެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސުޝްމީތާ އާއި ލަލިތް މިހާރު ވަގަށް އެންގޭޖްވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ވިޔަފާރިވެރިޔާ ލަލިތު ލޯބީގެ ގޮތުން ސުޝްމިތާ އާ ގުޅިގެން އުޅޭކަން ހާމަކުރި ނަމަވެސް، އަދި މިހާތަނަށް ސުޝުޝްމިތާ އެކަން ހާމައެއް ނުކުރެ އެވެ.

ލަލިތަކީ މީގެ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ މީހެކެވެ. އެކަމަކު 1991 ގައި ކުރި އެ ކައިވެނި 2018 ގައި ރޫޅިފައިވާއިރު އެ ކައިވެންޏަށް އޭނާއަށް ދެ ކުދިން ލިބިފައިވެ އެވެ.

ސުޝްމިތާ މިހާތަނަށް އެއްވެސް މީހަކާ ކައިވެންޏެއް ނުކުރެ އެވެ. އެކަމަކު މީގެ ކުރިން އެކި މީހުންނާ ވަރަށް ސީރިއަސް ލޯބީގެ ގުޅުން ބޭއްވި އެވެ.

އެންމެ ފަހުން އޭނާ ރައްޓެހިވެގެން އުޅުނީ ޒުވާން މޮޑެލް، ރޮހްމާން ޝޯލްއާ އެވެ.

ސުޝްމިތާ މިހާތަނަށް ކައިވެންޏެއް ނުކުރިޔަސް އޭނާ ގެންދަނީ ކުދިން އެޑޮޕްކޮށް، އެ ކުދިން ބަލަމުންނެވެ.